ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުވުމުގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ މޮރިޝަސް މައްސަލާގައި ސަރުކާރުން މުޅީން ހެން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށާއި އެ މައްސަލަ މިހާރު އޮތީ ނިމިފައި ކަމަށެވެ. އަދި ދެން އޮތީ ޓްރައިބިއުލަންގެ ނިންމުމަކަށް އިންތިޒާރު ކުރުން ކަމަށް ބުނުމަކީ މި މައްސަލާގައި ސަރުކާރުން ސިއްރު ކަންތައްތަކެއް ހިންގި ކަމަށް ވެވޭ އިއުތިރާފެއް ކަމަށާއި ނޫންނަމަ އެއީ ގައުމެއް (އިންޑިއާ) ގެ ނުފޫޒުގައި މަޖުބޫރުން ބުނާ ބުނުމެއް ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުން ފިޔަވައި އެބަޔަކަށް ލިބެން ޖެހޭ ހައްގެއްގެ ވާހަކަ ނުދައްކަވާ،، އެހެން ގައުމަށް ލިބެން ޖެހޭ ހައްގުގެ ވާހަކަ ދައްކަވާ ބަޔަކު މިހާތަނަށް ފެނިވަޑައިގެންފައި ނެތް ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވަނީ މޮރިޝަސްއަށް ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ލިބިއްޖެނަމަ އެކަން ވެގެން ދާނީ މުޅި ދެކުނުގެ މަސްވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ކަމަށާއި މޮރިޝަސް އަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކަށް ހުއްދަދީ އެކަމުން ނަފާ ހޯދާ ބައެއް ކަމަށް ވިދާޅުވިއެވެ.
މުނައްވަރު ވަނީ ސަރުކާރުގެ އަމަލާއި ވާހަކަތައް ހުރި ގޮތުން މިކަމުގައި އިންޑިއާގެ ދައުރާއި ނުފޫޒު އޮތް ކަމަށް ގަބޫޫލު ކުރެއްވޭ ކަމަށާއި މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ބޮޑު ގުޅުމެއް އޮތް ގައުމެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މޮރިޝަސްގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާ ނަސްލުގެ މީހުން ކަމަށްވެފައި މޮރިޝަސްގެ ބޮޑުވަޒީރުކަން ވެސް ކުރައްވަނީ އެ ނަސްލުގެ ބޭފުޅެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖޭގެ މެދާއި އުތުރުގައި އަދި ލ އަތޮޅުގައިވެސް ބަނޑަހަ ޖަހައިފި ކަމަށް ވިދާޅުވަމުން މުނައްވަރު ވަނީ މި މައްސަލާގައި އިންޑިއާގެ ނުފޫޒު އޮތުމުގެ ފުުރުސަތު ބޮޑު ކަމަށާއި ކަންކަން ހާމަ ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި މުނައްވަރު ވަނީ އެ ވާހަކަ ވިދާޅުވަނީ ސިޔާސީ ވެގެން ނޫން ކަމަށާއި އެއީ ރާއްޖެ މިހާރު އޮތް ހާލަތުން ވިދާޅުވާން ޖެހޭ ވާހަކައެއް ކަމަށެވެ.
ސަރުކާރު މިހާރު އުޅެނީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ކަމަށާއި މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން ކަމަށާއި ނޫންނަމަ ރައްޔިތުން ނިކުމެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މީގެއިތުރުން މުނައްވަރު ވަނީ އެ މައްސަލަ ޝަރީއަތުގައި ހިނގަމުން ދަނިކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭން ސިޓީފުޅެއް ފޮނުވަންޖެހޭ ސަބަބާ އަދި އެ ސިޓީފުޅު ފޮނުވީ ކާކު ބުނެގެންތޯ ވެސް ސުވާލު އުފައްދަވާފައެވެ.