އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިދާނެ ފަދަ އެއްވެސް އިންތިޒާމަކަށް އެއްބަސްނުވެވޭނެ ކަމަށް އިނގިރޭސި ސަރުކާރާ އެކު ކުރެވުނު މަޝްވަރާގައި ދަންނަވާފައިވާނެ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ގެންގުޅުނު ސިޔާސަތު ބަދަލުކޮށް މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމު ކަމުގައި ނިންމި ނިންމުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް މެންބަރުން މިއަދު ބަހުސްކުރައްވާފައިވެއެވެ.

އެ މައްސަލަ އަށް ބަހުސްކުރައްވަމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ސަރުކާރުން އެއްބަސްވި ނަމަވެސް، ރާއްޖޭގެ ސަރަހައްދުން ބައެއް ނުގެއްލޭނެ ކަމަށާއި، ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖޭން މޮރިޝަސް އަށް ދޫ ދޭން އެއްބަސްނުވާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރުން ބައެއް ފަހަރު އޮޅޭ ގޮތަށް ވާހަކަ ދެއްކީމަ އަޅުގަނޑު ހިތާމަ ވަރަށް ބޮޑަށް ކުރަން. ހީވަނީ އަޅުގަނޑުމެން ސަރުކާރުން ތަނެއް ދޫކޮށްލަން އުޅޭހެން، ނޫން ނޫޅެން،" ޝަރީފް ވިދާޅުވިއެވެ.

މި ހިސާބުން ޝަރީފްގެ ވާހަކަ ހުއްޓުވައި، ނަޝީދު ވަނީ ވެގެން އުޅޭ ގޮތް ސާފުކޮށްދެއްވައިފައެވެ. އަދި އެ މައްސަލައިގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް ވެސް މެންބަރުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގަތެވެ.

"އަޅުގަނޑު އެދެން މިކަމުގަ އެއްވެސް އިއްޒަތްތެރި މެންބަރަކު ކަމެއް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް. މޮރިޝަސްގެ ސިޔާދަތު، ނުވަތަ ސޮވެރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ، ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސް ވެވުުނީ."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލިހުގެ ރައީސް

ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު އާދަމް ޝަރީފްގެ ވާހަކަ އަށް ފަހު ބަހުސް މަރުހަލާ ފެށުމުގެ ކުރިން، ނަޝީދު ވަނީ މި މައްސަލައިގެ ތާރީހަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި:

  • ފޯޅަވައްސާ ގުޅޭގޮތުން ސަރުކާރުން އިނގިރޭސި ސަރުކާރާ އެކު އެންމެ ފުރަތަމަ އެއްބަސްވުމެއްވީ 1992 ގައި
  • އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގަ ވާހަކަ ދައްކަން އެއްބަސްވި
  • އެހެންކަމުން ނޫ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ބަޔާންކޮށް އެ ގާނޫނުއަސާސީ ފާސްވުމަށް ދާންދެން އެކަން އޮތީ މަޑުޖެހިފައި
  • ނަމަވެސް 2019 ގައި މޮރިޝަސް ސަރުކާރާ އެކު ކޮމިއުނިކޭ އެއް ނެރެވުނު. އެ ކޮމިއުނިކޭ އިން 1992 ގެ އެއްބަސްވުން ދޫކޮށްލެވުނު

މި ސަރުކާރުން ކޮމިއުނިކޭ ނެރުމުގެ ކުރީގައި، އޭރު ރައީސްކަން ވެސް ކުރެއްވި ނަޝީދުގެ ސަރުކާރުގައި 2009 ޖުލައި ގައި އެމަނިކުފާނު ލަންޑަނަށް ވަޑައިގެން އެ މައްސަލައިގައި އިނގިރޭސި ސަރުކާރާ އެކު މަޝްވަރާކުރެވުނު ކަމަށް، ނަޝީދު ވިދާޅުވިއެވެ.

"2009 ވަނަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖޭގެ ރައީސް ލަންޑަނަށް ވަޑައިގަތުން ދިވެހި ސަރުކާރުން ގަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖޭގެ އީއީޒެޑަށް ފުށޫއަރާ ގޮތަށް އެކުލަވާލެވޭ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ އެއްވެސް ޕްރޮގްރާމަކަށް އެއްބަސްވާން ދިވެހި ސަރުކާރަށް އުނދަގޫވާނެ ކަމަށް، ދިވެހިރާއްޖޭން އެކަމުގައި ދެކޭ އަދި ގަބޫލުކުރާ ގޮތް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް އޭރު ސާފުކޮށްދެވުނު."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލިހުގެ ރައީސް

"ދިވެހިރާއްޖޭން ގަބޫލުކުރާ ގޮތުގައި ފޯޅަވެހީގެ މައްޗަށް ދިވެހިރާއްޖޭގެ ސައްހަ ކްލެއިމެއް އޮތް ކަމަށް ގަބޫލުކުރެވޭ. އިންޑިއާ ކަނޑުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ މަސްލަހަތަށް ތާރީހީ ގޮތުން ތަންފީޒު ކުރެވުނީ ދިވެހިރާއްޖެ މެދުވެރިކޮށް ކަމަށް، ދިވެހިރާއްޖޭގެ ކަނޑުގެ އެއްވެސް ބައެއް ގެއްލިދާނޭ އެއްވެސް އިންތިޒާމަކަށް ދިވެހިރާއްޖޭން އެއްބަސްނުވެވޭނޭ ކަމަށް [ސާފުކޮށްދެވުނު]." ނަޝީދު ވިދާޅުވިއެވެ

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ކަންބޮޑުވުން ފާޅު ކުރައްވައި، ސަރުކާރުގެ ނިންމުމާ ދެކޮޅުކަން ވަނީ ހާމަކުރައްވައިފައެވެ. މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލިހާއި މަޝްވަރާކުރުމެއް ނެތިމ އާންމުންގެ ހިޔާލެއް ހޯދުމެއް ނެތި ގޮތް ނިންމުމުންނެވެ.

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ. ނަމަވެސް މިހާރު ރާއްޖެއިން ވަނީ އެ ދެކޮޅު ހެދުން ދޫކޮށް މޮރިޝަސް އަށް ތާއީދުކޮށްފައެވެ.