ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ސަރުކާރުގެ ނިންމުން ބަދަލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހާ މަޝްވަރާކުރުމެއް ނެތި، ރައްޔިތުންނަށް އެކަމާ ގުޅޭ މައުލޫމާތު ދިނުމެއް ނެތި ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމު ކަމުގައި ނިންމި ނިންމުމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ރާއްޖެ އަށް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލިހަށް ބަލައިގެންފައިވަނީ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް 55 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ ތާއީދާ އެކުގައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ވާހަކަ ދައްކަވަމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ވަރުގެ ނިންމުމެއް ކަމަށެވެ. އީވާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލިހާ މަޝްވަރާނުކޮށް، އަދި އާންމުންނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ނުދީ، ސަރުކާރުން އެ ނިންމުން ނިންމާފައިވާތީއެވެ.

"އިކުއިޑިސްޓެންސަށް ބަހާލިޔަސް ވެސް އަޅުގަނޑުމެން މޮރިޝަސް އަށް އަޅުގަނޑުމެންގެ ޖާގަ ދެނީ ކަމަށް އެއްބަސްވަނީ ކަމަށް 22 އޮގަސްޓް 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް އެބައޮތް. އަދި ސްޕެޝަލް ޓްރައިބިއުނަލްގައި ބަންޑާރަ މަނިކުފާނު ވިދާޅުވެފައި އެބައޮތް، އަޅުގަނޑުމެން އެ ދޫކޮށްލަނީ ކަމަށް. އާހިރު ނަތީޖާއަކަށް ވަނީ ކަން ނިންމާއިރު ދިވެހިރާއްޖޭގެ އިކޮނޮމިކް ޒޯނުން ބައެއް ގެއްލިދާނެ ކަން. އެއީ އާހިރު ނަތީޖާ އަކީ."
އީވާ އަބްދުالله | ގަލޮޅު އުތުރު ދާއިރާ

"އިކުއިޑިސްޓެންޓް ގޮތަށް ނިންމި ކަމުގައި ވިޔަސް އެ ނިންމެނީ މޮރިޝަސް އަތުގަ ނެތް އެއްޗެއް ދޭން. އަޅުގަނޑުމެން އަތުގައި އޮތް މޮރިޝަސް އަތުގަ ނެތް އެއްޗެއް ދޭން އެ ނިންމެނީ،" އީވާ ވިދާޅުވިއެވެ.

އެއާއެކު، ސަރުކާރުގެ ވިސްނުން ބަދަލުވީ ކީއްވެތޯ އީވާ ސުވާލު ކުރެއްވިއެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކުރެވެން ޖެހޭނެ ކަމެއް، މިއީ ރައްޔިތުންނަށް އެނގެން ޖެހޭ ވަރުގެ ކަމެއް."

އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިކޮނޮމިކް ޒޯނުން އެންމެ ސަރަހައްދެއް ވެސް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ވަރުގެ ކަމެއްނޫނެވެ. އަދި އެ ސަރަހައްދަކީ އައްޑޫ އާ ގުޅިގައިވާ ސަރަހައްދަކަށް ވެސް ވެފައި، އެ ސަރަހައްދުން ބައެއް ގެއްލުމަށް އައްޑޫގެ ރައްޔިތުން ވެސް ނޭދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ރާއްޖެއާ ގުޅުން އޮތް، އަދި ދިވެހިންނާ ގުޅުން އޮތް މައްސަލައެއް، ކަމަށާއި، އައްޑޫގެ މަސްކަނޑުން ސަރަހައްދެއް ގެއްލުމަކީ ރާއްޖޭގެ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ބައުންޑަރީން އެންމެ އިންޗިއެއް ދިއުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން."
އަހްމަދު ރަޝީދު | އައްޑޫ ހިތަދޫ މެދު ދާއިރާ

މި މައްސަލަ އަށް ވާހަކަ ދެއްކެވި ސަރުކާރުގެ ގިނަ މެންބަރުންގެ ވިސްނުންފުޅު ހުންނެވީ ސަރުކާރުގެ ނިންމުމާ ދެކޮޅަށެވެ.

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ. ނަމަވެސް މިހާރު ރާއްޖެއިން ވަނީ އެ ދެކޮޅު ހެދުން ދޫކޮށް މޮރިޝަސް އަށް ތާއީދުކޮށްފައެވެ.