ކ. އަދި ވ. އަތޮޅުގެ 12 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި 12 ރަށެއްގެ ކައުންސިލާއެކު ވަނީ ބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ގުޅޭ އެމްއޯޔޫތަކެއްގައި ސޮއި ކޮށްފައެވެ. އެމްއޯޔޫގައި ސޮއިކުރެއްވީ ސްޓެލްކޯގެ އެކި އިސްވެރިންނާއި ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނެވެ.

ސްޓެލްކޯއިން މަގުބައްތި ބެލެހެއްޓުމަށް ހަވާލުވެފައިވާ ރަށްތަށް:

  • ކ.ގާފަރު
  • ކ.ދިއްފުށި
  • ކ.ތުލުސްދޫ
  • ކ.ހިންމަފުށި
  • ކ.ގުޅީ
  • ކ.މާފުށީ
  • ކ.ގުރައިދޫ
  • ވ.ފުލިދޫ
  • ވ.ތިނަދޫ
  • ވ.ފެލިދޫ
  • ވ.ކެޔޮދޫ
  • ވ.ރަކީދު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، މި މަސައްކަތަކީ ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކޮށް ބެލި ބެލުމުގައި ކައުންސިލްތަކުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަވެގެން ކުރަން ނިންމި މަސައްކަތެއް ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓޭލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް

ޝަރީފު އިތުރަށް ވިދާޅުވީ، މިހާތާނަށް ސޮއިކުރި ރަށްތަކުގެ މަގުބައްތިތައް މަރާމާތުކުރަން ބޭނުންވާ މިންވަރުގެ އޮޑިޓެއް މިހާރު ހަދާފައިވާ ކަމަށެވެ. އެގޮތުން އިތުރަށް މަގު ބައްތި ޖެހަންޖެހޭ މިންވަރާ، މަރާމާތުކުތުކުރަން ބޭނުންވާ މިންވަރު ދެނެގަނެވި، އެކަމަށް ބޭނުންވާ ސަމާނު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

މި 12 ރަށާއެކު ޖުމަލް 29 ރަށެއްގެ މަގު ބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯއިން މިވަނީ ހަވާލުވެފައެވެ.

މީގެ ކުރިން މަގުބައްތި މަރާމާތުކޮށް ބަލަހައްޓަން ސްޓެލްކޯއިން ހަވާލުވި ރަށްތަކުގެ ތެރޭގައި އއ. އަތޮޅުގެ ފަސް ރަށާއި އދ. އަތޮޅުގެ ނުވަ ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ އއ. އަތޮޅުން މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް، ހިމަންދޫ އަދި އދ. އަތޮޅުން ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ދިއްދޫ، ފެންފުށި އެވެ.