ވޭތުވެދިޔަ މުއްދަތުގައި ތެރޭގައި އެފްއޭމްގެ އިދާރާ އެފްއޭއެމް ހައުސް ތަފާތުއެކި ފަރާތްތަކުން ތަފާތުއެކި ބޭނުންތަކަށް ބޭނުންކޮށްފައި ވާއިރު އެހެން ބަޔަކު ބޭނުންކުރި ކަރަންޓަށް ޒިންމާވާން ޖެހޭ ކަމަށް ނުދެކޭ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްއިން މިފަދައިން ބުނެފައިވަނީ ސްޓެލްކޯއަށް އެފްއޭއެމްއިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ މިހާތަނަށް ނުދެއްކުމުން އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެންނެވެ.

އެފްއޭއެމްއިން ބުނީ ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި އަދި ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިހާރުވެސް އެ އިމާރާތް ބޭނުން ކުރަމުން ދާ ކަމަށެވެ. އަދި އެ ފަރާތްތަކުން އެކިއެކި ބޭނުންތަކަށް އެ އިމާރާތް ބޭނުންކުރެވުނު މުއްދަތުގައާއި އަދި މިހާރުވެސް އެފްއޭއެމް ނޫން އެހެން ފަރާތްތަކުން ކަރަންޓާއި ފެން ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިނގާ އެއްވެސް ހަރަދަކީ އެކަމުގެ ޒިންމާ އެފްއޭއެމްއިން ނަގަން ޖެހޭ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ނުދެކެއެވެ.

އެ އަގު ދެއްކުމަކީ އެފްއޭއެމްގެ މަސްއޫލިއްޔަތެއް ނޫންކަމުގައާއި އެކަމުގެ ސަބަބުން އެފްއޭއެމް އާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެފްއޭއެމްއިން ބުނެއެވެ.

އެފްއޭއެމްއިން ބުނީ ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމައަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ހަރަދަށް ބިލުކުރެވިފައި ވަނީ ނުބައިކޮށް ކަމަށް އެ ފަރާތުން އިއުތިރާފް ވެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް އެ ފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހައްލު ނުވެފައިވާ ކަމަށާއި އެކަމުގައި އެފްއޭއެމް އިން ސްޓެލްކޯގެ މައްޗަށް ގާނޫނީ ގޮތުން އެއްވެސް ދައުވާއެއް އުފުލާފައި ނުވަނީ އެ ފަރާތުގެ އެދުމުގެ މަތިން މަޝްވަރާގެ މަތިން އެ މައްސަލަ ހައްލުކުރުމުގެ އުންމީދުގައި ކަމަށެވެ.

އެފްއޭއެމްއިން ޒިންމާވާން ނުޖެހޭ ފައިސާގެ އަދަދުތަކެއް އެކީ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްއަށް ޑިމާންޑްކޮށް ކަރަންޓް ކަނޑާލުމުގައި އެފްއޭއެމް ހައުސްގައި މިވަގުތުވެސް ސަރުކާރުގެ ބޭނުމަށް ބޭނުން ކުރެވެމުންދާ އެއްވެސް ފަންގިފިލާއަކުން ކަރަންޓް ބިލަށް ފައިސާ ދައްކާފައި ނުވާ ހާލުގަވެސް ކަރަންޓް ކަނޑާނުލާ ހަމައެކަނި އެފްއޭއެމްގެ އިދާރާއިން ބޭނުން ކުރަމުންދާ ފަންގިފިލާއިން ކަރަންޓް ކަނޑާލުމަކީ މިކަމުގައި ނިޔަތެއް އޮތްކަން ނުފެންނަ ކަމެއްކަމުގައި އެފްއޭއެމްއިން ފާހަގަކުރެއެވެ.