ޕިލިޕީންސްގެ ލެގާޒީ ސިޓީގެ ކޮލެޖެއްގައި ދަރިވަރުންގެ އިމްތިހާނެއް ކުރިއަށް ދިޔަ އިރު، އެކަކު އަނެކަމުގެ ޕޭޕަރު ބެލިޔަ ނުދޭން މާސްކް އަޅަން އެންގުމުން އާދަޔާ ހިލާފު "މަޖާ މާސްކް" ތަކެއް އަޅައިގެން އިންތިހާނު ހަދައިފިއެވެ.
މިހާރު ސޯޝަލްމީޑިއާގައި ވައިރަލް ވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ދަރިވަރުން މޫނު ނިވާކޮށްގެން ތިބީ، ބިސް ހުސްކުރި ޓްރޭއާއި ބޯކަރުދާހާއި ފޮއްޗާއި ހެލްމެޓާއި ކަރުދާސް ކޮތަޅު ފަދަ އެއްޗެހި އަޅައިގެންނެވެ.
އެ ކޮލެޖުގެ ޕްރޮފެސަރު މެރީ ޖޯ މެންޑޭން އޮރިޒް ވިދާޅުވެފައި ވާ ގޮތުން، އޭނާ ދަރިވަރުން ލައްވާ އެކަން ކުރީ، ތަފާތު ގޮތަކަށް އަދި މަޖާ ގޮތަކަށް ދަރިވަރުންގެ ތެދުވެރިކަން ދެނެގަތުމަށާއި އަގު ހިފަހައްޓާތޯ ބެލުމަށް ކަމަށެވެ.
ޕިލިޕީންސްގެ ބިކޯލް ޔުނިވާސިޓީ ކޮލެޖް އޮފް އިންޖިނިއަރިންގެ ގެ އެ ޕްރޮފެސަރު އިތުރަށް ވިދާޅުވެފައި ވަނީ އެ ގޮތަށް މާސްކް އަޅައިގެން އިމްތިހާނު ހެދުވުން ވަރަށް އިފެކްޓިވް ކަމަށެވެ.
މިކަން ހިނގާފައި ވަނީ މި އޮކްޓޯބަރު މަހު އެ ކޮލެޖުގެ މެދުޓާމް އިމްތިހާނުގައެވެ.
ޕްރޮފެޝަރު އިތުރަށް ވިދާޅުވީ، އެ ހިޔާލަކީ މީގެ އަހަރުތަކެއްގެ ކުރިން ތައިލޭންޑުން ފެނުނު ކަމަކުން އުފަންވި ހިޔާލެއް ކަމަށެވެ. އެ ހާދިސާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ އެއީ 2013 ވަނަ އަހަރު ބޭންގްކޮކްގައި އޮތް އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުގައި ދަރިވަރުން ތިބީ މޫނުގެ ދެފަރާތުން ލޮލަށް ހުރަސް އެޅޭނެހެން ދެކަންފަތުގެ މައްޗަށް ކަރުދާސް ގަނޑެއް ޖަހާފައި ކަމަށެވެ.
އެ ހިލާޔުގެ އަލީގައި އޭނާގެ ދަރިވަރުންނަށް ދިން ފުރުސަތުގައި އެމީހަކަށް ޖެހުނު އެއްޗަކުން މޫނު ނިވާކުރެވޭ ގޮތް ހެދީކަމަށް އޭނާ ވިދާޅުވެއެވެ.
ޕިލިޕީންސްގެ މި ތަޖުރިބާ، އެ ގައުމުގެ މީޑިއާތަކުގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައި އިރު، ޕިލިޕީންސްގެ އެތައް ސްކޫލެއްގައި މި ކަން މިހާރު ވަނީ ތަޖުރިބާ ކުރަން ފަށާފައެވެ.
ޕްރޮފެސަރު ވިދާޅުވީ އޭނާގެ އައިޑިއާ ކާމިޔާބު ކަމަށާއި އޭނާގެ ކޮލެޖްގެ ދަރިވަރުން ކޮޕީ ކުރަނިކޮށް ނުފެންނަ ކަމަށާއި އަދި ދަރިވަރުން އިމްތިހާން އަވަހަށް ނިންމި އިރު ފާސްވި އަދަދުވެސް މަތި ކަމަށެވެ.