ބަނޑުބޮޑުކަން އެނގުނުތާ 48 ގަޑިއިރު ތެރޭ އެމެރިކާގައި އަންހެނަކު ވިހައިފިއެވެ.
ޕޭޓަން ސްޓޯވާ 23، ނަމަކަށް ކިޔާ މި އަންހެން މީހާ އަކީ އޮމަހާ ސިޓީގެ ސްކޫލެއްގެ ޓީޗަރެކެވެ. މި އަންހެން މީހާ ބުނީ ވަރުބަލިވުން ފިޔަވާ އިތުރު އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ވަޒީފާ އަށް ދާން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މީހާ ފަލަވެ ބަނޑުލާން ފެށުމުން ހީކުރީ ވަޒީފާ މާހައުލު ބުރަކަމުން ހަށިގަނޑަށް ބަދަލުތަކެއް އަންނަނީ ކަމަށާއި އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދިޔައީ ފައި ދުޅަވާން ފެށުމުން ކަމަށް ޕޭޓަން ބުންޏެވެ.
ހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށް ފަހު ބަނޑުބޮޑު ކަމަށް ބުނި ނަމަވެސް ފުރަތަމަ އެކަން ގަބޫލުކުރަން ދަތިވުމުން ދެފަހަރު ޓެސްޓު ހެދުމުންވެސް ދެއްކީ ބަނޑުބޮޑު ކަމަށެވެ. އެ ހަބަރާއެކު އޭނާ އާއި އޭނާގެ ބައިވެރިޔާއަށް އުފަލުން ރޮވުނު ކަމަށާއި ކުރިއަށް އޮތް 15 މިނެޓް ތެރޭ ދަރިފުޅު ވިހާފާނެ ކަމަށްވެސް ޑަކްޓަރުން ބުނި ކަމަށް ވެއެވެ. އަދި ޕޭޓަން ގެ ލިވާ އާއި ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ދަރިފުޅުގެ ހާލަތުވެސް ދަށްވަމުން އަންނަ ކަމަށް ޑަކްޓަރު ބުންޏެވެ.
މައިމީހާ އަށާއި ދަރިފުޅަށް ގެއްލުން ވެދާނެ ކަމުގެ ބިރު ބޮޑުކަމުން 48 ގަޑިއިރު ފަހުން ޕޭޓަން ސީ ސެކްޝަނެއް ހެދިއެވެ. އޭރު އޭނާގެ ބަނޑަށް 10 ހަފްތާއެވެ. ކަންދިމާކުރި ގޮތުން ޕޭޓަން ވިހެއީ އޭނާގެ އުފަން ދުވަހުއެވެ. ދުވަސް ނުފުރާ ދަރިފުޅު ވިހޭއިރު 1 ކިލޯ 800 ގުރާމް ހުރި އިރު ދެމައިންނަށްވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.