މީހުންނަށް ނޭނގި، ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މެންބަރުން ކުރިން ހުރި ޕާޓީ އަށް ރުޖޫއަކުރަން ލާޒިމްވާ ގޮތަށް، ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ބަދަލު ގެނެސްފިއެވެ.
ޕާޓީ ބަދަލުކުރާ މައްސަލަ އަށް ހައްްލެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކަށް އަލަށް ވަންނަ ފަރާތްތަކުގެ މައުލޫމާތު މިދިޔަ މޭ މަހުގެ 22 އިން ފެށިގެން އެ ކޮމިޝަންގެ އިދާރާގެ ވެބްސައިޓުގައި އާންމުކުރަން ފަށައިފައެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 18 ވަނަ މާއްދާގައިވާ ގޮތުން، ކުރިން އޮތީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު ނޫން ނަމަވެސް، އެ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދޭ ފޯމުތައް ހަ މަސް ވަންދެން ބަލައިގަންނާނެއެވެ. އެއަށް ފަހު އެ ފޯމުތަކުގެ ސައްހަކަން ޔަގީންކޮށް ދަފްތަރުކުރަން ވާނެއެވެ.
ނަމަވެސް މި މާއްދާ އަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމް އީސީގެ ދަފްތަރުގައި ހިމެނުމުގެ ކުރިން އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރުކުރުމަށްޓަކއި ފޯމާ ގުޅޭގޮތުން އެއްވެސް ޝަކުވާ އެއް އޮތް ނަމަ، ސިޔާސީ ޕާޓީތަކުން ހުށަހަލާ ފޯމުތަކަށް ޝަކުވާ ހުށަހެޅުމުގެ އުސޫލުގެ ތެރެއިން ޝަކުވާ ހުށަހެޅޭނެއެވެ.
އެ ގަވައިދުގެ 19 ވަނަ މާއްދާ އަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް، ނުވަތަ ނޭނގި އެހެން ޕާޓީއެއްގައި ރަޖިސްޓްރީކޮށްގެން ވަގުތުން ވަކިވާން އެދިއްޖެ ނަމަ ވަގުތުން އެ ޕާޓީއެއްގެ ދަފްތަރުން އުނިކޮށްދޭން ޖެހޭނެއެވެ.
އަދި ކުރިން ހުރި ޕާޓީ އަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރިން ހުރި ޕާޓީ އަށް ބަދަލުވުމަށްޓަކައި ޕާޓީން ވަކިކޮށްދިނުމަށް އެދޭ ފޯމް ހުށަހެޅުމުން ނޭނގި ރަޖިސްޓްރީކޮށްފައިވާ ޕާޓީން ވަކިކޮށް ކުރިން އޮތް ޕާޓީ އަށް ރުޖޫއަކޮށްދޭން ވާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައިގައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް އީސީން މީގެ ކުރިން ބުނެފައިވެއެވެ. ހަމަ އެއާއެކު ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްތައް މަދުކުރުމަށްޓަކައި، ފޯމަކަށް 10،000ރ ގެ ރޭޓުން ޖޫރިމަނާ ކުރަން ވެސް އީސީން ނިންމާފައިވެއެވެ.
މިގޮތަށް ވަގަށް އެއްޕާޓީ އިން އަނެއް ޕާޓީއަށް މެންބަރުން ގިނަ ޢަދަދަކަށް ބަދަލުކޮށްފައި ވެއެވެ. ބޮޑަށް ބެލެވެނީ މިކަން ކޮށްފައިވަނީ ދިހަހާސް މެންބަރުން ހަމަކުރުމުގެ ބޭނުމުގައި އެ ޢަދަދު ހަމަނުވާ ކުދި ޕާޓީ ތަކަށެވެ.