ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަމަލާ ދޭން ފެށިތާ 8 މަސް ވާން ދާއިރު، ހަނގުރާމަ އާ ގުޅޭ ގޮތުން އެމެރިކާއާއި ރަޝިއާ މަޝްވަރާ ކޮށްފިއެވެ.

ދެގައުމުގެ ޑިފެންސް މިނިސްޓްރީ އާ ހަވާލާދީ އަލްޖަޒީރާ ބުނާ ގޮތުން، ހަނގުރާމަ ފެށިފަހުން ދެ ގައުމުގެ އަސްކަރީ އިސްވެރިން މަޝްވަރާ ކުރެއްވި މިއީ 2 ވަނަ ފަހަރު ކަމަށާއި، މާ ބޮޑު ތަފްސީލުތަކެއް ދެފަރާތުން ހާމަ ނުކުރާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ޔޫކްރައިން ހަނގުރާމަ އާ ގުޅޭ ގޮތުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޯސްޓިން އާއި ރަޝިއާގެ ޑިފެންސް ސެކްރެޓަރީ ސާޖީ ސޮއިގޫ މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި އެ ހަނގުރާމަ އާ ގުޅޭ ގޮތުން ވާހަކަ ދެއްކޭނެ މާހައުލެއް އުފެދިފައި އޮތުމުގެ މުހިންމު ކަން ދެފަރާތުން ހާމަ ކުރިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އެރީ ނިމިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 7 މަހާއި 28 ދުވަސް ވެފައި ވާއިރު، ރަޝިއާއިން ވަނީ 2014 ވަނަ އަހަރު އަތުލި ކްރިމިއާ އާ އެއް އިމަށް އޮންނަ ހާސަން އާއި، ޑޮނެސްކް، ލުހާންސްކް، އަދި ޒެޕޮރީޒިއާއެވެ. މިއީ ޔޫކްރައިން ބިމުގެ 15 ޕަސެންޓްގެ ސަރަހައްދެކެވެ.

ހަނގުރާމައިގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ހުޅަނގާއި އެމެރިކާއިން ފޯރުކޮށް ދޭ ޒަމާނީ ހަތިޔާރޔުން ވަރުގަދަ ހަމަލާތައް ޔޫކްރައިން އިން ދަނީ ދެމުންނެވެ. އަދި ރަޝިއާއިން ހިފާ އަމިއްލަ ކުރި 4 ސަރަހައްދުގެ ތެރެއިން ހާސަން އަށް ދޭ ހަމަލާތައް ވަރުގަދަ ކޮށް ޑިނީޕާ ކޯރުގެ އައްސޭރިން ފެށިގެން ހާސަންގެ ތެރެއަށް ވާގޮތަށް އޮންނަ 88 އަވަށެއް އަނބުރާ ހިފައިފި ކަމަށް ބުނެއެވެ.

އަދި މި ހަމަލާތަކުގެ ސަބަބުން، ހާސަންގައި ދިރިއުޅޭ ރައްޔިތުން އެ ޝަހަރުން ބާލައި އެ ޝަހަރުގައި މާޝަލް ލޯ ހިންގަމުން ދާ އިރު ރަޝިއާގެ ސިފައިންވެސް ދަނީ ހާސަން ދިފާއު ކުރުމަށް ސަފުތައް ތަރުރީބު ކުރަމުންނެވެ.

ގާތްގަނޑަކަށް 320،000 މީހުން ދިރިއުޅޭ ހާސަންގައި މިވަގުތު ތިބީ 60،000 އެއްހާ މީހުން ކަމަށާއި ބާކީ ތިބި އެންމެން ރަށުން ފައިބައިފިކަމަށްވެސް ހަބަރު ލިބެއެވެ.