ބޮޑުތަކުރުފާނު މަގުގެ އަޑިން ލޮނު އަރާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރާ ވަގުތުތަކުގައި ވެހިކަލް އަށް ދެވޭގޮތަށް އެތަނުގައި ރޭމްޕެއް ހަދައިފިއެވެ.

ސްޓެލްކޯ އިން ބުނީ، މާލޭ ޕަވާ ހައުސްގެ އައުޓްފޯލް ހޮޅިއަކަށް ގެއްލުންލިބި ބޮޑުތަކުރުފާނު މަގަށް ފެން ލީކްވާ މައްސަލަ ހައްލު ކުރުމަށް ޑީ ވޯޓަރިންގެ މަސައްކަތް ކުރިޔަށް ދާ ވަގުތު ވެހިކަލްތަކަށް މަގު ބޭނުން ކުރެވޭ ގޮތް ހެދުމުގެ ގޮތުން ރޭމްޕް ހަދާ މަސައްކަތް ނިމި މިހާރު ބޭނުން ކުރަމުންދާ ކަމަށެވެ.

ބޮޑުތަކުރުފާނުމަގު އެ ކުންފުނީގެ ގޭޓް ނަންބަރު 2 އާ ދިމާލު ތާރުގަނޑުގެ މެދުން ފެން އަރަމުންދާކަން ފާހަގަކުރެވި ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދާ ބެލިއިރު އެ ފެނަކީ އެ ކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް މީގެ ކުރިން ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އަދި އެކަމުގެ ހުއްދައަކަށް ސިޓީ ކައުންސިލުގައި އެދުމުން ރަސްމީ ސިފައެއްގައި ހުއްދަދީފައިނުވާ ކަމަށް ވެސް ސްޓެލްކޯއިން އޭރު ބުންޏެވެ.

އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި ދާނެ ކަމަށާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވަނިކޮށް ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއިން އެކަމުގައި ނުބައި މައުލޫމާތު އާންމުކޮށް ކައުންސިލް ބަދުނާމު ކުރި ކަމަށް ބުނެގައެވެ.

އަދި އެކަން ހިނގައި ދިޔަ ގޮތް ކަމަށް ބުނެ ކައުންސިލުން ވަގުތު ތައް ލިޔެ އާންމު ކުރި ބަޔާނުގައި އޮތީ، ހުއްދައަށް އެދި ސްޓެލްކޯއިން މެއިލް ފޮނުވީ ނުބައި އެޑްރެހަކަށް ކަމަށާއި އެއީ ސިޔާސީ ގޮތުން ކައުންސިލް ބަދުނާމު ކުރަން ގަސްދުގައި ކުރި ކަމެއް ކަމަށެވެ.

ނަމަވެސް މިވާހަކަތައް ދޮގު ކޮށް ސްޓެލްކޯއިން ބުނެފައި ވަނީ މަސައްކަތް ލަސްވީ، ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ލަސްވެގެން ކަމަށެވެ.