ގައުމު ކުރިއަރައިދާނީ ހޯދިފައިވާ އިލްމީ ގާބިލްކަމުގެ ފުރިހަމަކަމާއި މަސައްކަތްތެރިކަމާއި ހިތްވަރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮވެ ކުރިއަރާދާނީ ގައުމަށް ކޮށްދެއްވިފައިވާ ހިދުމަތުގެ ބޮޑުކަމާއި ފުރިހަމަކަމުން ކަމަށެވެ. އަދި ގައުމަށްޓަކައި ވަމުންދާ ދިފާއީ އަދި ގައުމީ ގުރުބާނީތަކާއި, ފިދާތަކުގެ މަތިވެރިކަމުގެ ސަބަބުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ގައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ އެބައެއްގެ ކިބައިގައި އަށަގެންފައިވާ މުރާލިކަމާއި, މަސައްކަތްތެރިކަމާއި, ހިތްވަރާއި އަޒުމުގެ ވަރުގަދަކަމުން ކަމަށެވެ.

ގައުމުތަކާއި މުޖުތަމައުތައް ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހަމައެކަނި އެގައުމުގެ ބިމުގެ ސަރަހައްދުގެ ބޮޑުކަމަކުން ނޫން ކަން އިމްރާން ވިދާޅުވިއެވެ. އެއީ އެމުޖުތަމައުއެއްގެ އަފްރާދުންގެ އީމާންކަމުގެ ސާފްކަމާއި, ސާބިތުކަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ގައުމުތައް ކުރިއަރާދަނީ އެބައިމީހުން ގަބޫލުކުރާ ހަމަތަކާއި, އުސޫލުތަކުގެ ވަރުގަދަކަމުން ކަމުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތަހުޒީބާއި ތަމައްދުންގެ މަގުން ކުރިއަރާދަނީ ހޯދިފައިވާ އިލްމީ ގާބިލްކަމުގެ ފުރިހަމަކަމުން ކަމަށެވެ. މީގެއިތުރުން އަށަގެންފައިވާ ރިވެތި އަހުލާގުގެ މަތިވެރިކަމުންކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ބިމުގެ ސަރަހައްދު ކިތަންމެ ކުޑަނަމަވެސް އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް މިމަތިވެރި ސިފަތައް އަށަގެންނެވިއްޖެނަމަ އަޅުގަނޑުމެންގެ ޤައުމަކީ އެހެން ޤައުމުތަކުގެ ކުރިމަތީގައި އަގުހުރި ނަމޫނާ މިސާލީ ބަޔަކަށް ވެވިދާނެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވަނީ ގައުމީ ދަރިން ގައުމަށް ހޯދައިދޭ ރީތިނަމާއި, ގައުމަށްޓަކައި ކޮށްދޭ ބޮޑަތި ހިދުމަތްތަކާއި, ގައުމަށް ހޯދައިދޭ ޝަރަފާއި އިއްޒަތުގެ އަގުވަޒަންކޮށް ގައުމީ ފެންވަރުގައި ފާހަގަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން އިނާމް ލިބުން އެއީ ގައުމީ ދަރިއެއްގެ ހަޔާތުގައި ލިބޭނެ އެންމެ ފުރިހަމަ އެންމެ ޝަރަފްވެރި ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ލޮބުވެތި ވަތަން މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ސައްހަ އަގީދާގެ މަތީގައި ފުރިހަމަ މިނިވަންކަމާއި އިސްތިގުލާލާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

މިވާޖިބު ފުރިހަމައަށް އަދާކުރެވޭނީ އަމިއްލަ ފަރުދީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށާއި, މުޅި މުޖުތަމައުގެ މަންފާއަށްޓަކައި އެންމެ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އިމްރާން ވިދަޅުވިެއެވެ.