ގައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި ހަމަޖެހުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ގައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ގައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރިކަމެއް ކަމަށެވެ. އަދި ގައުމިއްޔަތުގެ ރޫހު އާލާކޮށް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރުގެ މުހިންމު ކަމަށާއި ކޮންމެ މީހަކީވެސް ފަރުދުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި މުޖްތަމައުގެ މަސްލަހަތަށް އިސްކަންދޭ މީހަކަށްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާﷲައެވެ.

ރައީސް ވަނީ ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ގައުމިއްޔަތަށް މިއަދު ހަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމަށާއި އެ ފިކުރީ ހަނގުރާމައިން ދިފާއުވެ ގައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމާއި އަދި ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާގެ އިތުރުން ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.