މިދިޔަ ހަފްތާގައި ޅ. ނައިފަރަށް ކުރި ވިއްސާރަ އާ ގުޅިގެން، އެ ރަށުން މިފަހުން ދޫކުރި ފްލެޓްތަކަށް ފެނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ނައިފަރުގެ ފްލެޓްތައް އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމާ އެކު ބައެއް ފަރާތްތަކުން ފްލެޓުތަކަށް ބަދަލުވެ، ބައެއް ފަރާތްތަކަށް އަދި ފްލެޓަށް ނުވަދެވި އުޅެނިކޮށް، ފްލެޓްތަކަށް ފެން ވަންނަ މައްސަލަ މިވަނީ ފާހަގަވެފައެވެ. ބައެއް ފަރާތްތަކުން ބުނެފައި ވާ ގޮތުން ފްލެޓް ދޫކުރި އިރުން ފެށިގެން ވެސް ވިއްސާރަ ދުވަސްވަރެއް އައްިސްފިނަމަ ފްލެޓްތަކަށް ފެން ވަދެ ތަކެއްޗަށް ގެއްލުން ލިބެއެވެ.

ލިބިފައިވާ ގެއްލުންތައް ތަފްސީލް ކޮށްދެމުން ނައިފަރުގެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކަނޑައަޅާފައިވާ ހަތަރު މަންދޫބުންގެ ތެރެއިން މުހައްމަދު ޒަމީރު "ދަ ޕްރެސް" އަށް ބުނީ، ވިއްސާރަވެ، ފްލެޓްތަކަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ، ބައެއް ތަކެތީގައި ދަބަރު ވެސް ޖަހާފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި، އެމްޑަބްލިއުއެސްސީން ފްލެޓްތަކަށް ފެނުގެ ހިދުމަތް ދިނުމަށް ހަރުކޮށްފައިވާ މީޓަރުތަކަށް ލޮނުފެން ގުޅާފައި ވާތީ ގިނަ މީޓަރުތައް ވެސް ހުރީ ގިރިފައި ކަމަށެވެ.

ނައިފަރުގެ ފްލެޓްތަކުގައި ހުންނަ ފެން މީޓަރުތައް ގިރިފައި / ފޮޓޯ: ކިޔުންތެރިއެއް

"އެއީ ހަމަ ލޮނުގެ އަސަރުކޮށްގެން. އެއީ މިތާ އިމާރާތް ކުރިއިރުގަ ހުރީ އެންމެ ފެން ލައިނެއް އަޅާފަ. ހަމައެކަނި ކޮންމެވެސް އެއް ވައްތަރެއްގެ ފެން އަޅުގަނޑުމެންނަށް ލިބޭ, އެ ސަޕްލައި ކުރާގޮތަށް ނަގާފަ އިނީ, ވާހަކައަކީ ސަޕްލައި ފެން ވެސް ދޫކުރަނީ ވަޅުފެން ދޫކުރާ ލައިނުންނޭ. އެހެންވެގެން އެ ލައިނާ މީޓަރުތައް ކަނެކްޓުކޮށްފަ ހުއްޓާ ގިނަ މީޓަރުތައް އެހުރީ ހަލާކުވެފަ ހަމަ." ޒަމީރު ކިޔައިދިނެވެ.

ހަމަ އެއާއެކު، ނައިފަރަށް ކުރި ވިއްސާރައިގެ ތެރޭގައި ގިނަ ފްލެޓްތަކަށް ފެން ލީކުވުމުގެ ސަބަބުން ދިމާވެފައިވާ ބައެއް ގެއްލުންތައް ވެސް އޭނާ ހިއްސާ ކުރިއެވެ.

"އެ ވިއްސާރައިގެ ތެރޭގައި ވަރަށް ގިނަ އެޕާޓްމަންޓުތަކެއްގައި ފެން ލީކުވުމުގެ މައްސަލަތަކެއް ދިމާވި. އެގޮތުން ބައެއް އެޕާޓްމަންޓުތަކުގެ ދޮރުން ފެން ވައްދާފަ ހުރިއިރު, އަނެއްބައި ފާރުތަކުގަ ހަރުކޮށްފަ ހުރި ސޮކެޓުތަކުންނާއި އެއްކޮށް ފެން އައިއްސަ އެބަހުރި. ފެން އައިސްގެން ބައެއް ތަންތަނުގެ ތެރޭގަ ފެންބޮޑުވެ, އެތާނގަ ހުރި ބައެއްކަހަލަ ފަރުނީޗަރުތަކަށް ގެއްލުންވެފަވާ ކަމަށް ބައެއް ފަރާތްތަކުން ކޮމިއުނިޓީ ގްރޫޕްގަ އެބަހުރި ހިއްސާކޮށްފަ."
ޒަމީރު

ޒަމީރު ކިޔައިދިން ގޮތުގައި، ވިއްސާރައިގެ ސަބަބުން ފްލެޓްތަކަށް އަސަރުކޮށް، ތަނަށާއި ތަކެއްޗަށް ގެއްލުންވާ ވާހަކަ ނައިފަރު ކައުންސިލާ ހިއްސާކޮށްފައި ވާނެއެވެ. އޭނާ ބުނީ، ފެން ލީކުވުމުގެ ސަބަބުން މައްސަލަ ދިމާވާތާ ހަތް މަސްދުވަސް ވެއްޖެ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ކައުންސިލަށް ފޮޓޯ އާއި ވީޑިއޯ ފޮނުވާ ކަމަށާއި، އަދި ބައެއް ފަރާތްތަކުން ސީދާ ހައުސިން މިނިސްޓްރީ އަށް މެއިލް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ޒަމީރު ބުނި ގޮތުގައި، ކައުންސިލާ ހިއްސާކުރުމުން އެ އިދާރާ އިން އަބަދު ވެސް ދޭ ޖަވާބަކީ ފްލެޓުވެރިންގެ ކަންބޮޑުވުންތައް ހައުސިން މިނިސްޓްރީ އާ ހިއްސާކޮށްފައިވާ ކަމެވެ. އަދި ހައުސިން މިނިސްޓްރީން ޖަވާބެއް ދިނުމުން އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ފިޔަވަޅު އެޅޭނެ ކަމެވެ. އެކަމަކު ހައުސިން މިނިސްޓްރީން ގިނަ ކަންބޮޑުވުންތަކަށް ޖަވާބެއް ނުދޭތީ އެ މައްސަލަތަކަށް ހައްލެއް ހޯދައިނުދެވޭ ކަމަށް ކައުންސިލުން މިފަހުން ބުނި ކަމަށް އޭނާ ބުންޏެވެ.

"ފެނުގެ މައްސަލަތަކުގަ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަޅުގަނޑުމެން ވާނީ ގޮސް ކައުންސިލާ ބައްދަލުކޮށްފަ. އެ ބައްދަލުވުމުގަ ވެސް އެ ބޭފުޅުން ބުނުއްވާފަ ވަނީ ހުރިހާ ކަމެއްވެސް ހައުސިން އާ އޭ އެބޭފުޅުން ހިއްސާކުރަނީ. ހައުސިން އާ އަޅުގަނޑުމެންނާ ދޭތެރޭ މެދުވެރިއެއްގެ ދައުރު ކައުންސިލަށް އަދާކުރަން ޖެހިފައިވާ ކަމަށް ކައުންސިލުން އެ ދުވަހުވެސް އަޅުގަނޑުމެންނަށް ބުނެދެއްވީ. ގިނަ ކަންކަމަށް ހައުސިން އިން ޖަވާބެއް ނުދެއްވާތީ އަޅުގަނޑުމެންނަށް އެ ކަންކަމަށް ހައްލެއް ހޯދައިނުދެވޭ ކަމަށް ކައުންސިލުން އެ ދުވަހު މައުލޫމާތު ދެއްވީ."
ޒަމީރު

ޒަމީރުގެ އިތުރުން، ނައިފަރުގެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކަނޑައަޅާފައިވާ މަންދޫބުންގެ ތެރެއިން ހުސައިން އިމްދާހު ބުނީ، ރަސްމީކޮށް ނައިފަރުގައި ސަޕްލައި ފެނުގެ ހިދުމަތް ދޭން ނުފަށާތީ، ފްލެޓްތައް އިމާރާތް ކުރިއިރު އަޅާފައި އޮތް ހަމަ އެކަނި ފެން ލައިނަށް ހުރީ ލޮނުފެން ގުޅާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މީޓަރުތައް ހަލާކުވުމުގެ އިތުރުން، ފްލެޓްތަކުގެ ތެރެއަށް ލޮނު ވަދެ، މަޑު އުފެދިފައިވާ ކަމަށެވެ.

ނައިފަރުގެ ފްލެޓެއްގެ ސީލީންގަށް ފެން ވަދެ މަޑު އުފެދިފައި / ފޮޓޯ: ކިޔުންތެރިއެއް

"ވާހަކައަކީ ރަށު ބިމުން ނަގާ މި ފެން ގުޅާފަ މިހުރީ އެ ލައިނަށް. ގުޅާފަ ހުރީމަ މިހާރު ވެސް އެބަހުރި މީޓަރުތައް ހަލާކުވެފަ. ފްލެޓް ގޮޅިތަކުގެ ތެރެއަށް ލޮނު ވަދެ މަޑު އުފެދިފަ އެ ހުރީ." އިމްދާހު ބުންޏެވެ.

ލިބިފައިވާ އިތުރު ގެއްލުންތައް ތަފްސީލު ކޮށްދެމުން އިމްދާހު ކިޔައިދިން ގޮތުގައި:

  • ސީލީންގަށް އަދި ދޮރުތަކުން ފެން ވަދެފަ އެބަހުރި ފެން ވަދެފައި ވެއެވެ.
  • ބަދިގެ ފަރާތުގަ ހުންނަ ދޮރު ދަށުން ފެން ވަދެ, އެޕާޓްމަންޓަށް ފެން ވަދެފައި ވެއެވެ.
  • ފްލެޓްތަކުގައި އުޅޭ، އަދި ނުވަންނަ ފަރާތްތަކުން ފްލެޓްތަކަށް ވައްދާފަ ހުރި ފަރުނީޗަރުތައް ހަލާކުވެފައި ވެއެވެ.

ކައުންސިލާ ހަމައަށް ފްލެޓްވެރިންގެ މި ކަންބޮޑުވުންތައް ގެންގޮސް މައްސަލަތައް ހިއްސާކުރި ނަމަވެސް، ހައުސިން މިނިސްޓްރީ އާ ޖެހޭ ހިސާބުން ކައުންސިލްގެ މާ ބޮޑު ބާރެއް ނޯންނަ ކަމަށް އިމްދާހު ބުންޏެވެ.

"މިހާރު އަޅުގަނޑުމެން ކައުންސިލާ ބައްދަލުކޮށް ވާހަކަދެއްކި ދެއްކުމުގަ ކައުންސިލަކަށް މާކަށް ބޮޑު ބާރެއް ލިބިފަކައެއް ނޯވޭ މިތަނުގަ އެއްވެސް ކަމަކަށް. ހުރިހާ ކަމަކަށް މިނިސްޓްރީ އާ ޑީލްކުރަން މި ޖެހެނީ. މިނިސްޓްރީން މި ކަން ކޮށްދިނީމަ ވާނީ."
އިމްދާހު

މެއިންޓަނެންސްގެ ކަންކަން ވެސް އަދާ ހަމައަށް ނުކުރެވޭ!

ފެނުގެ ސަބަބުން ނައިފަރުގެ ފްލެޓްތަކަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން، އިމްދާހު ބުނި ގޮތުގައި ދެން އެންމެ ބޮޑު މައްސަލައަކީ ފްލެޓްތަކުގެ ކުލި ބޮޑުވުމެވެ. އޭނާ ބުނި ގޮތުގައި ކޮންމެ މަހަކު ފްލެޓްވެރިން ކުލީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭއިރު، އޭގެ އިތުރުން މެއިންޓަނެންސަށް 500ރ ވެސް ނަގައެވެ. މެއިންޓަނެންސް ފީ ނެގި ނަމަވެސް، މެއިންޓަނެންސްގެ އެއްވެސް ކަމެއް އަދާ ހަމައަށް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ދެން ފްލެޓްގެ މެއިންޓަނެންސް އަށް އެބަ ނަގާ 500ރ. އެކަމަކު މެއިންޓަނެންސްގެ އެއްވެސް ކަމެއް އަދާ ހަމައަކަށް ނުކުރެވޭ. އެންމެ ފަހަރަކު މިތަނަށް [މިތަން] އިމާރާތްކުރި ބޭފުޅުން, އެއީ އާރުސީސީ ބޭފުޅުން ވަޑައިގެންނެވީ. މިތަނަށް ވަދެ, ފާރުތަކުގަ ހުރި ބައެއް ރެނދުތަކުގަ ކެމިކަލް އަޅައި ރެނދުތައް ބައްދައި ހެދި ނަމަވެސް އަދިވެސް ފެން ވައްދާ."
އިމްދާހު

މެއިންޓަނެންސް އާ ގުޅޭގޮތުން ވެސް ކައުންސިލާ އެކު މަޝްވަރާ ކުރެވުނު ކަމަށް އިމްދާހު ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި، މެއިންޓަނެންސްގެ މަސައްކަތްތައް ކުރެވެން އޮތީ ވެސް އެޗްޑީއެފްސީ މެދުވެރިކޮށް ހައުސިން މިނިސްޓްރީ އަށް ލިބެން ޖެހޭ ލާރި ލިބި، އެ މިނިސްޓްރީން ކައުންސިލަށް އެންގުމުންނެވެ.

ނައިފަރުގެ ފްލެޓެއްގެ ކުޑަދޮރު ލައްޕާފައި ހުއްޓާ އެތެރެއަށް ފެން ފައިބަނީ / ފޮޓޯ: ކިޔުންތެރިއެއް

"އެޗްޑީއެފްސީ މެދުވެރިކޮށް މިނިސްޓްރީ އަށް އެ ލިބެން ޖެހޭ މެއިންޓަނެންސް ލާރި ލިބިގެން މިނިސްޓްރީން ކައުންސިލަށް އެންގީމަ ކަމަށް ވަނީ މެއިންޓަނަންސްގެ މަސައްކަތް ކުރެވެނީ. އަދާ ހަމައަށް ވެސް އަޅުގަނޑަށް އެނގިގެން އެއްވެސް އެއްޗެއް ނުވާ ކަމަށް ވަނީ." އިމްދާހު ބުންޏެވެ.

ފްލެޓްތަކުގެ މައްސަލައިގައި އެއްވެސް އިދާރާ އަކުން މިވީހާ ތަނުގައި އެދެވޭ ޖަވާބެއް އަދި ނުދޭ ކަމަށް އިމްދާހު ބުންޏެވެ. ފްލެޓްތަކަށް ފެނުގެ މައްސަލަ ދިމާވެ، މިއަދާ ހިސާބަށް އައި އިރު ތަނުގެ ހާލު ބަލާލަން ކައުންސިލުން އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި، ވިއްސާރަ އާއި ލޮނުގެ ސަބަބުން 90 ޕަސެންޓު ފްލެޓްތަކަށް ވަނީ އަސަރު ކޮށްފައެވެ.

"އޯވަރޯލްކޮށް ބުނަންޏާ އަޅުގަނޑުމެންނަކަށް އެއްވެސް މުއައްސަސާއަކުން އެދެވޭ ޖަވާބެއް އަދާ ހިސާބަކަށް ވެސް ނުލިބޭ. އެއީ ފެނުގެ ކަންތަކާ ވެސް މިއަދާ ހިސާބަށް އައީ, އައި އިރު ވެސް ކައުންސިލުން ނާދޭ މި ތަނުގެ ހާލަތު ބަލާލަން, މިތަނުގަ މީހުން ދިރިއުޅެނީ ކޮންފަދަ ހާލެއްގަތޯ ބަލާލަން."
އިމްދާހު

ކަންބޮޑުވުންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާނެ ކަމަށް ކައުންސިލުން ބުނޭ

މި މައްސަލައާ ގުޅިގެން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ދަ ޕްރެސް" އަށް ވިދާޅުވީ، ފްލެޓްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލާ ފްލެޓްވެރިންގެ ފަރާތުން ހިއްސާކޮށްފައި އެބަހުރި ކަމަށެވެ. އެކަމާ ގުޅިގެން ކަމާބެހޭ މިނިސްޓްރީތަކާ އެކު މުއާމަލާތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލުން މުއާމަލާތް ކުރަން ޖެހޭ މިނިސްޓްރީތަކާ މުއާމަލާތް ކުރެވުމުގެ މަސައްކަތްތައް ކުރެވެމުން އެބަދޭ."
މުހައްމަދު ރަޝީދު | ނައިފަރު ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީ އާ އެކު މި މައްސަކައިގައި އެތައް ފަހަރެއްގެ މަތިން މުއާމަލާތް ކުރެވިފައި ވާއިރު، ކައުންސިލަށް ޖަވާބެއް ދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވުމުގެ އިތުރުން މާލެ އަށް ގޮސްގެން ވެސް ހައުސިން މިނިސްޓްރީ އާ ބައްދަލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުގަ (ފްލެޓްތަކުގައި) ހުރި ބައިވަރު މައްސަލަތަކާ މެދު މުއާމަލާތް ކުރެވިފަ ހުންނާނެ. ހައުސިން ޔުނިޓުތައް ހަވާލުކުރި ހިސާބުން ފެށިގެން މައްސަލަތައް އުފަންވަމުން ދިޔަ ވަރަކަށް ހުންނާނީ ހިއްސާކުރެވިފަ. އަދި ހައުސިން މިނިސްޓްރީ އާ އަޅުގަނޑުމެން މާލޭގައި ބައްދަލުކޮށް އެއް މޭޒެއްގެ ކައިރީގަ ވެސް މި ވާހަކަތައް ހުންނާނީ ހިއްސާކުރެވިފަ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، ފްލެޓްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބެލުމަށް ފަހު އެކަމާ ގުޅިގެން ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.