"ދެނެއް ނޫޅެވޭނެ މިހެންނެއް! އޭނާއަށް އަހަންނަށް ވުރެ ރައްޓެހިން މާ މުހިންމު! އަބަދު ބޭރުގަ! ކޮފީ އަށް ގޮސްލައި ރައްޓެހިން ގޮވައިގެން ދުއްވާލަން ގޮސް އެމީހުން މުނިފޫހި ފިލުވައިދިނުމުގަ. ނޭނގެ އޭގެ ތެރޭގައި އަންހެނުންވެސް ނޫޅޭކަމެއް. ސަހާދެއް ބޯގޮވައިފި މިހާރު މިކަމަކާ ހުރެ" އައިޝާ ޝަކުވާ ކުރިއެވެ.

އައިޝާއާއި އިއާދު ކައިވެނި ކުރިތާ އަދި މިވީ ހަތަރު މަހެވެ. އައިޝާގެ މައިގަނޑު ޝަކުވާ އަކީ، އޭނާގެ އަލަތު ފިރިމީހާ އަބަދުވެސް ބޭރުގައި އުޅޭ ވާހަކައެވެ. އަޅާނުލާ ވާހަކައެވެ. އޮފީސް ނިމުނަސް ގެޔަށް ނާންނަ ވާހަކައެވެ. ގެޔަށް އަޔަސް އަބަދުވެސް ރައްޓެހިން ގުޅާވަރުން ފޯނުން ސަލާމަތް ނުވެވިގެން އުޅޭ ވާހަކައެވެ. ނޫނީ ކިތަންމެ ދަންވިޔަސް ފޯނުން ކޮންމެސް މީހަކާ ޗެޓުކުރަން އޮންނަ ވާހަކައެވެ. ވާގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.

މިއީ ހަމަ އެކަނި އައިޝާއަށް ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. މުޖްތަމައުގައި މިހާރުގެ އާންމު ހާލަތެވެ. އަނބިމީހާ ގިނަފަހަރަށް އިންނަން މިޖެހެނީ ދަރިން ބަލަން ގޭގައެވެ. ފިރިމީހާ ވަޒީފާ ނިންމާފައި ބޭރުގައެވެ. ހަފްތާ ބަންދުގައި އޮފީސް ދަތުރުތަކާއި މަސްދަތުރު ތަކުގައެވެ. މުޅިންވެސް ރަހުމަތްތެރިން ހިންހަމަޖައްސައި ދިނުމުގައެވެ. މިފަދަ ވަގުތު ތަކުގައި އަނބިމީހާ މަތިން ހަނދާން ވެސް ހުންނަނީ މަދު ފަހަރެއްގައެވެ. މިއީ ހަމަ އެއްގޮތަކަށްވެސް ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. މަދުން ނަމަވެސް އަނބިމީހާއަށް ރަނގަޅު އަދި އެކުގައި ގިނަ ވަގުތު ހޭދަކުރާ ފިރިންވެސް އުޅެއެވެ.

"އަހަރެން ވަރަށް ފޫހިވޭ މިހެން އުޅެން. އަހަރެންވެސް ފިރިމީހާގެ ލޯތްބާއި އަޅާލުން ބޭނުންވޭ! މިހެންނެއް އަބަދަކު ނޫޅެވޭނެ! ކައިވެނި ނުކުރާ އިރު އޭނައަށް 24 ގަޑިއިރު ވެސް މަދު. އޮފީސް ނިންމާ ގޮތަށް އަހަރެން ކަރީގައި އުޅޭނީ. އެކަމަކު މިހާރަކު ނުވޭ ވަގުތެއް. އަހަރެންވެސް ގަބޫލުކުރަން އޭނާ ކުރަންޖެހޭ އަމިއްލަ ކަންތައް ވެސް ހުންނާނެކަން. ރައްޓެހިންނާ ބައްދަލުކޮށް ހަދަން ޖެހޭނެކަން. އެކަމަކު މީ އޯވާ ވުން ހެން ހީވަނީ! އަދި އެންމެ 4 މަސް ވިއްޔާ މިވީ ކައިވެންޏަށް" އައިޝާ ރޮމުން ރޮމުން ކިޔައިދިނެވެ.

އިސްލާމްދީނުގައި ކައިވެނީގެ ގުޅުމަކީ ވަރަށްވެސް މާތް ގުޅުމެކެވެ. ދުނިޔަވީ ގޮތުން ބެލިޔަސް މިކަން އޮތީ މިހެންނެވެ. ދެމީހަކު ކައިވެނި ކުރާ ހިސާބުން ދެމަފިރިންވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ އެކަކު އަނެކަކަށެވެ. އުފަލާއި ހިތާމަ، އަދި ދިރިއުޅުމުގައި ދިމާވާ އެކި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނީ ދެމީހުން އެކީގައެވެ. ކައިވެންޏަށް ދަރިން ލިބޭ ހިސާބުން ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ދެމަފިރިން އެކުގައި މަސައްކަތް ކުރުމުން ދިރިއުޅުން އުފާވެރިވެ، ލިބޭ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރެވި، އެކުދިންނަށް ރަނގަޅު މިސާލަކަށް މައިންބަފައިން ވެގެން ދެއެވެ.

"އަހަރެން މިއުޅެނީ ވަރިއަށް އެދި ކޯޓަށް ފޯމު ލާން! އެނޫން ގޮތެއްނެތް"
އައިޝާނެ ނިންމުން ބުނެލިއެވެ.

ނޫނެކެވެ. ދެމަފިރިންގެ ދެމެދުގައި ހިތްހަމަނުޖެހުމެއް ނުވަތަ ނުތަނަވަސް ކަމެއް އުފެދޭ ކޮންމެ ފަހަރަކީ ވަރިވާން ކޯޓަށް ދާންވީ ވަގުތެއް ނޫނެވެ. އެންމެ ފުރަތަމަ ޖެހޭނީ އެކަމާ ދެމަފިރިން ވާހަކަ ދައްކާށެވެ. އެކަކު އަނެކަކަށް ވިސްނައިދޭށެވެ. އެގޮތުން ވެސް ހައްލު ނުވެއްޖެ ނަމަ ގާތްތިމާގެ މީހުންގެ މަޝްވަރާވެސް ހޯދިދާނެއެވެ. އަދި ރަޙުމަތްތެރިންގެ ތެރެއިން އިތުބާރު ކުރެވޭ މީހަކާ އެވާހަކަތައް ހިއްސާ ކޮށްލެވިދާނެއެވެ. ހަމަ ރަނގަޅު ހިޔާލެއް ވެސް ލިބިދާނެއެވެ. "ވަރި" ވާން ޖެހޭނީ އެންމެ ފަހުގެ ނިންމުމަށެވެ.

ކައިވެންޏަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ގައުމުތައް ފަހަތަށް ޖައްސާލާފައި މިހާރުވެސް މި ކުޑަ ދިވެހިރާއްޖެ އޮތީ އެންމެ ވަރި ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީ ސަފުގައެވެ. މިހެން ދިމާވާން ޖެހޭ ސަބަބުތައް ބައިވަރެވެ. އައިޝާގެ ކައިވެނި މިސާލަކަށް ނަގަމާ ހިނގާށެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކޮށް ސީދާ ވަރިއާ ހަމައަށް ދިޔުމަކީ ވަރަށްވެސް ދެރަ ކަމެކެވެ. އެ ކައިވެންޏަށް ދަރިން ލިބިފައިވާ ނަމަ އެކުދީންނަށް އަދި މާ ދެރައެވެ. ކައިވެނި ރޫޅުމަށް ފަހު ގިނަ ފަހަރަށް ދަރިން ބަލަން ޖެހެނީ މަންމައަށެވެ. މަންމަ ކިތަންމެ ލޯބި ދިނަސް ބައްޕަގެ ލޯބި އެ ދަރިންނަށް އުނި ނުވެ ނުދާނެކަން ގައިމެވެ. އަދި އެހެންމެ މަންމަ ނޫނީ ބައްޕަ އިތުރު ކައިވެންޏެއް ކުރާ ހިސާބުން ކުރީ ކައިވެންޏަށް ލިބިފައި ތިބޭ ދަރިންނަށް އިހުމާލު ވެވޭ ތަން ފެންނަލެއް މަދެއް ނޫނެވެ. ދަރިންނަށް ދޭންވާ އަޅާލުން ނުދީ އެ ކުދިންނަށް ހައްގު ވާ ހަރަދު ނުދިނުންވެސް މިއަދު އާންމު ކަމަކަށް ވެއްޖެއެވެ. މިއަށް ވުރެ ބޮޑު އިހުމާލެއް ވާނެތޯއެވެ. ދަރިންގެ ހަރަދު ހޯދަން މައިމީހާ ކޯޓަށް ދާންޖެހޭ ހިސާބުން ބައްޕައެއްގެ ހައިސިއްޔަތުން ވެސް ފެއިލް ވީ ނޫންތޯއެވެ. ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލު ކުރައްވާފައިވާ ވަރަށް ވެސް ބޮޑު އަމާނާތެކެވެ. އެދަރިންނާ މެދު ސުވާލު ވެވޭނޭ ދުވަހެއް އޮތްކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.

އަދުގެ މުޖްތަމައަށް ނަޒަރު ހިންގާލާއިރު އަޅުގަނޑުމެންނަށް މުޅިންވެސް މިފެންނަނީ ކޮންމެސް މީހެއްގެ ދިރިއުޅުމުގައި ނޫނީ ޒަވާޖީ ހަޔާތުގައި ކޮންމެވެސް އެއް މައްސަލައެއް ދިމާވެގެން އުޅޭތަނެވެ. ނޫނީ ދެމަފިރިންގެ ދޭތެރޭގައި ކޮންމެވެސް "ކުންޏެއް ޖެހި" އާއިލާ ރޫޅި މަދުން ނަމަވެސް ދަރިންކޮޅު ބިކަވެގެން ދާތަނެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެކެވެ. ހައްލުކުރަން ޖެހިފައިވާ އިޖްތިމާއީ ބޮޑު މައްސަލައެކެވެ. ޝައްކެއްނެތް ގޮތުގައި މިކަމުގެ ހައްލަކީ ކައިވެނީގެ މި މާތް ގުޅުމަށް ދެމަފިރިންވެސް އަހަންމިއްޔަތުކަން ދީ، އެކަކު އަނެކަކުގެ ހައްގުތަކަށް ރައްކާތެރިވެ، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފައިގެން ހަޔާތް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރުމެވެ. އިންޝާﷲ ކާމިޔާބު ވާނެއެވެ.