ކުޑަކުދިންގެ މައްޗަށް ޑައިވާޝަންގެ އެއްބަސްވުން އެކުލަވާލުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ދެ ގަވާއިދެއް އިސްލާހު ކޮށްފިއެވެ.
އެ ދެ ގަވާއިދަކީ ޖިނާއީކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދާއި، ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތުގެ ގަވާއިދެވެ.
މި ދެ ގަވާއިދަށް ބަދަލު ގެންނައި ސަބަބާއި ގުޅޭ ގޮތުން ޕީޖީ ޝަމީމް ވިދާޅުވީ އެ ގާނޫނުތައް ބަދަލުކުރީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުށުގެ އަމަލުގައި ހިމެނޭ ކުޑަކުދިންގެ މައްޗަށް ޑައިވާޝަން ޕްރޮގްރާމް ހިންގުމުގައި މިހާރު ދިމާވާ ބައެއް ގޮންޖެހުންތައް ހައްލުކޮށް، މާނަހުރި ގޮތެއްގައި، އެގަނޫނުގައި ބުނާ ޕްރޮގްރާމްތައް ހިންގޭނެ ގާނޫނީ ނިޒާމެއް ގާއިމު ކުރުމަށް މަގުފަހޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި، ސަބަބުތަކާހުރެ ތާށިވާ ކުޑަކުދިންނާ މެދު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި އޮތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކަމަަށާއި އެގާނޫނުގައި، ކުޑަކުދިންނާ މެދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ފަލްސަފާތަކާއި އިޖުރާއަތުތައް ބަޔާންކޮށްފައިވާ ކަން ޕީޖީ ވަނީ ވިދާޅުވެފައެވެ.
ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 18 ވަނަ މައްދާއަށް ގެނައި އިސްލާހުގެ ސަބަބުން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމަށް ކަނޑައެޅިފައިވާ ހާލަތެއްގައި އެ މައްސަލައަކީ ޑައިވާޝަން ޕްރޮގުރާމަށް ފެތޭ މައްސަލައެއް ކަމުގައިވާނަމަ ޑައިވާޝަން ޕްލޭނާއިއެކު އެމުއްދަތުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭނެއެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން ފުރުސަތު ލިބޭ ކުއްޖަކަށް ޕީޖީއާއެކު ޑައިވާޝަން އެއްބަސްވުމެއް ހަދާ ހާލަތްތަކުގައި އެއްބަސްވުމުގައި ވާގޮތަށް ދައުވާ ކުރިއަށްގެންދާނަމަ ދައުވާ އަނބުރާ ގެންދެވޭނެއެވެ.
ޑައިވާޝަންގެ މަގްސަދުތަކުގެ ތެރޭގައި، ކުއްޖާ ކުރި އަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޒިންމާވާން ބާރުއެޅުމާއި، މައާފަށް އެދުމުގެ ފުރުސަތު ހޯދައިދިނުމާއި، ކުށް ތަކުރާރުކުރުމުން ދުރުހެލިކުރުމާއި ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން ހިމެނެއެވެ.