އާސަންދަ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ފޭރެމުންދާ މީހުން އެކި ނަންބަރުތަކަށް މެސެޖު ފޮނުވަމުން ދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އާސަންދައިން ބުނީ، އެކުންފުނީގެ ނަމުގައި އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޝައްކުވާފަދަ ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން އެކުންފުނީގެ 24 ގަޑިއިރު ހިދުމަތްދޭ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް އާސަންދައިން ވަނީ އިލްތިމާސް ކޮށްފައެވެ.

އާސަންދައިން ބުނީ އެކުންފުންޏާ ގުޅުން ހުރި ލިންކުތައް ނިމޭނީ Aasandha.mv އަށް ކަމަށެވެ.

އާސަންދައިން ވަނީ، މިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާއިރު، ބީއެމްއެލް އާއި އެޗްޑީސީ ފަދަ ކުންފުނިތަކުގެ ނަމުގައި ވެސް މިފަދަ މެސެޖްތަކަށް ދަނީ ފޮނުވަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނިވެސް މަކަރާއި ހީލަތް ހެދުމުގެ 89 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.