އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ ހިއްސާ އޮންނަ ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ފަރާތުން އޭސީސީއަށް ހާޒިރު ވާން އަންގައިފިއެވެ.

އޭސީސީން ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަަލއަކާ ގުޅިގެން، ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖަވާބުދާރީ ވާނެ ފަރާތެއް އަންގަން ދީފައިވާ މުއްދަތު ފަހަނަ އަޅާ ދިޔަ އިރުވެސް އެކަން އަންގާފައި ނުވާ ކަމަށާ، އަދި އެ ކުންފުނީގެ ފަރާތުން މީހަކު އޭސީސީއަށް ހާޒިރުވާން ދިން ފުރުސަތުގައި ވެސް މީހަކު ހާޒިރުވެފައި ނުވާ ކަމަށެވެ. އެހެންކަމުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން ޖަވާބުދާރީ ވާ ފަރާތެއް ކަނަޑައަޅައި އެ ކޮމިޝަނަށް ހާޒިރުވާން އަންގާ ކަމަށް އޭސީސީން ބުނެއެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒު ރަޝީދުގެ ހިއްސާ އޮންނަ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ހަތަރު ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބުނު ކަމަށް އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ މައްސަލައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރިޔާޒް ރަޝީދުގެ ހިއްސާ އޮންނަ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޑިސެމްބަރު 8، 2014 ގައި 455،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައި ވާކަމަށެވެ. އެ 455،000 އެމެރިކާ ޑޮލަރު ރިޔާޒުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިންނެވެ.

އެއީ ޖެނުއަރީ 29، 2015 ގައި ޖަމާކުރި 324،255 ޑޮލަރާއި، އެޕްރީލް 21، 2014 ގައި ޖަމާކުރި 100،000 ޑޮލަރެވެ. އަދި މި ފައިސާ ރިޔާޒު ވަނީ ދެ ފަހަރެއްގެ މަތިން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޗެކުން ޖަމާކޮށްފައެވެ.

ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުންނަކީ ރިޔާޒު ރަޝީދުގެ ދެ ދަރިން ކަމަށްވާ ރީޝަމް ރިޔާޒާއި ރައުޝަމް ރިޔާޒެވެ.