މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށް އަދި 3 ފަރާތަކަށް ދިނުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، ގައުމީ އިނާމަށް ބޭފުޅުން ހޮވަނީ އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ގަމީ އިނާމާބެހޭ ކޮމިޓީއިން ކަމަށެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިލައްވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ފަރާތްތަކަށް ރައީސް ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ގައުމީ އިނާމު ދިނުމަށް މާދަމާ ރޭ، 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.

ސަރުކާރުން އެ އިނާމު ފުރަތަމަ ދޭން ފެށީ، އާންމު ހިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މި އިނާމު ގަވާއިދުން ދެމުން ގެންގޮސްފައި ވާއިރު، 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެމުން ގެންދަނީ، ގައުމީ އިނާމުގެ ނަމުގައެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ، ގައުމާއި މުޖުތަމައަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި ފަރާތްތަކަށް ދޭ އިނާމެކެވެ.