ރާއްޖޭގެ މާހައުލާ އައުޓްޑޯ ޖިމް ނުގުޅޭ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކާށިދޫގެ އިތުރުން މިހާރު ވެސް ނުވަ ރަށަކަށް އިންޑޯ ޖިމްގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އެބަ ދާ ކަމަށެވެ.

އައުޓްޑޯ ޖިމަކީ ހިތްގައިމު، ރަނގަޅު ތަނެއްކަމަށް ވީ ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި ލޮނުގެ އަސަރުކޮށް އިކުއިޕްމަންޓްތަކަށް ގެއްލުންވުމުގެ ސަބަބުން، އެ ތަކެތި ދުވަހުން ދުވަހަށް މަރާމާތުކުރުމަކީ އުނދަގޫ ކަމެކެވެ.

"އައުޓްޑޯ ޖިމް ވަރަށް ހިތްގައިމު، ވަރަށް ރަނގަޅު އެއްޗެއް. އެކަމަކު އަޅުގަނޑުމެންގެ މި މާހައުލަކަށް އެ އެތި އެހާ ކަމަކުނުދޭ. އަޅުގަނޑަށް ފެންނަނީ ބޮޑަށް ލޮނުގެ އަސަރު ކުރީމަ އެ އެއްޗިހި ބަލަހައްޓަން ދަތިވެ މިކަހަލަ ކަންތައް ރަށްރަށަށް ދިޔައީމަ އެބަ ފެނޭ. އަޅުގަނޑުމެން މާލޭގަ ތިބޭއިރު ކޮންމެ ރަށެއްގަ އެ ބަހައްޓާފަ ހުންނަ އައުޓްޑޯ ޖިމް މަރާމާތު ކޮންމެ ދުވަހަކު މަރާމާތުކުރުމަކީ ދަތިކަމަކަށް ވާނެ."
އަހްމަދު މަހްލޫފް | ޔޫތު މިނިސްޓަރު

އެހެންކަމުން، އައުޓްޑޯ ޖިމްތައް މަޑުމަޑުން އިންޑޯ ޖިމްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އައުޓްޑޯ ޖިމް ގާއިމްކުރުމަށް ބަޖެޓުކުރެވިފައިވާ ރަށްރަށަށް، އިންޑޯ ޖިމަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަން ކުރާއިރުގަ (އިންޑޯ ޖިމެއް ގާއިމްކުރާ އިރުގަ) އެ ރަށުގަ އިންޑޯ ޖިމެއް ގާއިމްކުރަން ބޭނުންވާނެ ކޮންމެވެސް އިމާރާތެއް ހުރުމަކީ އެކަން ކުރުމަށް ފަސޭހަވެގެން ދާނެ ކަމެއް." މަހްލޫފް ވިދާޅުވިއެވެ.