މުދުލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި އެމްޑިޕީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އިތުރު ބަދަލެއް ނުގެނެސް އެ ބިލު ފާސް ކުުރުމަށް ތްރީލައިން ވިޕެއް ނެރުމަށެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމަށް ތާއީދުނުކުރައްވާ ކަން ވެސް ހާމަކުރައްވައިފައެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ އާމްދަނީ އިތުރުކުރަން ކަމަށް ބުނެއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅި އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ބިލު މި މަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ވަނީ ނިންމާފައެވެ.