ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި 17 އަހަރުގެ ކުއްޖާ 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އެ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ ނިންމުން ބާތިލްކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ދާދިފަހުންނެވެ.

އެކުއްޖާއަށް މިހާރު 18 އަހަރުވެފައިވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން 18 އަހަރު ނުވަނިސް ކުރި ކުށެއްގެ މައްސަލަ ކުރިއަށް ގެންދާނީ ހަމައެފަދައިން ކަމަށެވެ.

އަނަސްގެ މަރުގެ މައްސަލާގައި މިއަދު ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން އެ ކުއްޖާ 18 އަހަރާއި 9 މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި އަނަސްގެ ހުރިހާ ވާރިސުން ހައިކޯޓުގައި މަރަށް މަރު ހިފުމަށް އެދުނު ނަމަވެސް ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.