ރާއްޖޭގެ ދަނޑުވެރިންނަށް ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ތައާރަފް ކުރުމަަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކ. ކާށިދޫގެ ދަނޑުވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ، ލޯނު ނަގައިގެން، ދަނޑުވެރިކަން ކުރުމުގައި ގުދުރަތީ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫނުބެއްދޭކަން ދަނޑުވެރިން ފާހަގަކޮށް އިންޝުއަރެންސް ސްކީމެއްގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. އަދި ދަނޑުވެރިންނަށް އިންޝުއަރެންސް ސްކީމެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށްވާތީ، ސަރުކާރުން އެކަމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން، މިއަހަރުގެ ދަނޑުވެރިންގެ މައުރަޒުގައި އެލައިޑް އިންޝުއަރެންސްއިން ބައިވެރިވެފައިވާ ކަމާއި އެކަމާ ގުޅޭ ގޮތުން އެލައިޑް އިންޝުއަރެންސާ އެކު ވާހަކަތައް ދައްކަވަމުން ދާކަމުގައި ރައީސް ވިދާޅުވިއެވެ.

ކާށިދޫގެ ބިމާ ގުޅޭ ގޮތުން މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ކާށިދޫގެ ގުދުރަތީ ބިން، ކާށިދޫ ދަނޑުވެރިކަމަށް ބޭއްވުން ކަމަށާއި، ރަށުގެ ހުޅަނގު ފަރާތުން ފަތުރުވެރިކަމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ.

ރައީސް ވަނީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކާށިދޫގެ ދަނޑުވެރިންނާއި ރައްޔިތުން ކުރި މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ، މިބައްދަލުކުރެއްވުމުގައި ދަނޑުވެރިން ފާހަގަކުރި ދަތި ކަންކަމުގެ ތެރޭގައި، ކާށިދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް، މާލެއަށް އުފުލުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބޭކަން ފާހަގަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓަށް ތަކެތި ވިއްކުމުގައި ހުރި ދަތިތަކާއި، މާކެޓްގައި ހުރި އަގަށް ވުރެ ކުޑައަގެއްގައި ތަކެތި ވިއްކަން ޖެހޭކަމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ކާށިދޫގެ ދަނޑުވެރިންނަށް ލިބެން ޖެހޭ ނަފާ ނުލިބޭކަންވެސް ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި، ސަރުކާރުން ދަނޑުވެރިކަމުގެ ސިޔާސަތާ ގުޅިގެން އުފެއްދި އެގްރޯނެޓް ކުންފުންޏަކީ ދަނޑުވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި އެކުންފުންޏާ އެކު ކުރިޔަށް ދިޔުމުގައި އުއްމީދު އެބައޮތް ކަމުގައި ވެސް ދަނޑުވެރިން ބުނެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކާށިދޫ ދަނޑުވެރިންނާ އެކު ބޭއްވި މިބައްދަލުވުމުގެ ކުރިން ރައީސް ދަނޑުވެރިކަމުގެ ދުވަހާއި ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހާ ގުޅިގެން، ކ. އަތޮޅު މަދަރުސާގައި ކުރިޔަށްދާ ދަނޑުވެރިންގެ މައުރަޒަށް ޒިޔާރަތްކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ، މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ދައްކާލަން ބަހައްޓާފައި ހުރި ދިވެހި އުފެއްދުންތަކާއި، އަދި ދަނޑުވެރިކަމުގެ މަސައްކަތާ ގުޅޭ ތަކެތީގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ.