ރާއްޖޭގައި ކަންބޮޑުވާ މިންވަރަކަށް ގައިން ގަޔަށް ނާރާ ބަލިތައް ފެތުރެމުން ދިއުމާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސް ކާނާގައި ހުންނަ ކެމިކަލްތަކާ ގުޅުމެއްވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގިނަ ގައުމުތަކަށް މިއަދު އޮތް ނުރައްކަލަކީ އެ ގައުމުތަކަށް ކާބޯތަކެތި ނުލިބުމުގެ ދަތިތަކާ ކުރިމަތިވުން ކަމަށާއި، އެފަދަ ކިތަންމެ ގައުމެއް މިއަދު ވެސް އެބަހުރި ކަމަށެވެ. ކާބޯތަކެތި ލިބުމުގައި ދަތިތައް ދިމާވާ ބައެއް ސަބަބުތަކަށް ރައީސް އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސިއްހީ ކާރިސާތައް
  • އަސްކަރީ ކުރިމަތިލުންތަކާއި ހަނގުރާމަތައް

ކޮވިޑް-19 އާއި ރަޝިއާ ޔޫކްރައިން ހަނގުރާމައިގެ ސަބަބުން އެކި ގައުމުތަކަށް ކާބޯތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެކަމުގެ ނުރައްކާ މާ ބޮޑެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ދައްޗަށް އޮތް ހައްލަކީ ރާއްޖޭގައި އުފެއްދެން ހުރި ބާވަތްތައް އުފައްދައި، އެ ބާވަތްތައް ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމެވެ.

އެއާއެކު، ރައީސް ވަނީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރުން އިތުރުވެފައިވާ ކަމަށާއި، އެކަން އެގޮތަށް ދިމާވުމުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާގައި ހުންނަ ކެމިކަލްތަކާ ގުޅުމެއްވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ދިރާސާ އެއް ރާއްޖޭގައި އަދި ހެދިފައި ނެތް ނަމަވެސް، އެކަމާ މެދު މިއަދު ވިސްނަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ބަދަލުވަމުން އެ ދަނީ އޯގަނިކް ފާމިން އަށް، ރާއްޖޭގަ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވެސް މިއާ ދޭތެރޭގަ ވިސްނުން ގެންގުޅުމަކީ ރަނގަޅު ކަމެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އޯގަނިކް ފާމިން އަކީ ގުދުރަތީ ވަސީލަތްތަކުން ހަދާފައި ހުންނަ ގަސްކާނާ ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމެވެ.

އޯގަނިކް ފާމިން އާ ދޭތެރޭ ވިސްނުން ގެންގުޅުން ރަނގަޅު ނަމަވެސް، ސްރީލަންކާ އަށް ދިމާވެފައިވާ ހާލަތުން މިސާލު ނަންގަވައި ރައީސް ވިދާޅުވި ގޮތުގައި ލަންކާ އޯގަނިކް ފާމިން އަށް ކުއްލިއަކަށް ބަދަލުވުމުން، އެ ގައުމުގެ މުޅި އިގްތިސޯދު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

"އެހެންވީމާ މިކަމާ ދޭތެރޭގައި ވިސްނާ ފުރަތަމަ ކުރަންވީ ކަމަކީ އެ ގެނެވެނީ ރަނގަޅު ފާޓިލައިޒާތޯ ބެލުން. އެއަށް ގަޑުބަޑުނުކޮށް ހުރި ރަނގަޅު ފާޓިލައިޒާ އެ ބޭނުންކުރަން އޮތް ގޮތަށް ކުރުން. އެއަށްފަހު އޯގަނިކް ފާމިން އަށް މަޑުމަޑުން ބަދަލުވުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ހަމަ އެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ރާއްޖެ އަށް އެކަމުގެ އަސަރު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ހަފްތާއެއް ކުރިން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި އުދަ އެރުމުގެ ސަބަބުން ދަނޑުތައް ހަލާކުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހެންކަމުން އަޅުގަނޑުމެން ދަނޑުވެރިކަން ކުރާއިރުގަ ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރުމަކީ އަޅުގަނޑުގެ އިލްތިމާސެއް." ރައީސް ވިދާޅުވިއެވެ.