ވަކިވަކި ދަނޑުވެރިންނަށް ދޫކުރާ ލޯނު ދެ މިލިއަން ރުފިޔާ އަށް ބޮޑުކުރުމަށް ފަހު ދޫކުރަން ފަށާފައިވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ކ. ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ތަރައްގީކުރާނެ ގޮތްތަކާ މެދު ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭ ކަމާބެހޭ ފަރާތްތަކާ އެކީގައި ބައްދަލުވުންތައް ބާއްވައި މަޝްވަރާ ކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދަނޑުވެރިންގެ މެދުގައި ކަންބޮޑުވުންތަކާއި ޝަކުވާތައް އަދިވެސް އެބަހުއްޓެވެ. އަދި ރާއްޖޭގައި އެހެން ހުރިހާ ސިނާއަތެއް ފެށުމުގެ ކުރިން ދަނޑުވެރިކަން ފެށުނު ނަމަވެސް، އެހެން ސިނާއަތްތައް ކުރިއަރަމުންދާ ދުވެލީގައި ދަނޑުވެރިކަން ކުރި ނާރާ ސަބަބުތައް ހޯދައި ހައްލުކުރަން ޖެހޭ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

މަޝްވަރާތަކުގެ އަލީގައި ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތަފްސީލު ރައީސް ހިއްސާކުރެއްވިއެވެ.

"އެއް ކަމަކަށް ފާހަގަކުރެވިފައި މި ވަނީ އިންވެސްޓްކުރަން ބޭނުންވާ މީހުންނަށް ބޭނުންވާ ސައިޒުގެ ބިން، ދަނޑު ނުލިބުން. ހަމަ އެއާއެކީގަ ލިބޭ ބިން ކަށަވަރުކަމާ އެކީގަ އެ ފަރާތެއްގައި އޮންނާނެ ކަމުގެ މުއްދަތު ކުޑަވުމުގެ މައްސަލަ. އިންވެސްޓެއް ކުރަން ފައިސާ ހޯދަން ބޭންކަކަށް ދާއިރުގަ ފައިސާ އެއް ބޭންކަކުން ދޫކުރަނީ ޔަގީންކަމާ އެކީގަ އެ މީހެއްގެ އަތުގައި އެ އޮންނަ އެސެޓެއް އޮންނާނެ ކަމުގެ ޔަގީންކަން އޮތީމަ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނަށް ގެނެވިފައި ހުރި ބަދަލުތަކުން، އެ ގާނޫނުގެ ދަށުން ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވެއެވެ. އެހެންކަމުން ދަނޑުވެރިކަމަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ހެޔޮވަރު ވަރެއްގެ ބިން ދޫކޮށް، އިންވެސްޓްކުރާނެ ފުރުސަތު ފަހިކޮށްދިނުމަށް ރަށްރަށުގެ ކައުންސިލްތަކަށް ރައީސް ގޮވާލެއްވިއެވެ.

"ދެވަނަ ކަމަކަށް، ކުރިން ވެސް ދެންނެވި ފަދައިން ފައިސާ ހޯދުން ދަތިވުމަށް އަދި ވަކި ފަރުދުންނަށް ސަރުކާރުން މި ދޫކުރާ ލޯނުގެ އަދަދު ކުޑަވުމުގެ ވާހަކަ، އަދި ފަސޭހައިން އެ ލޯނު ލިބޭނެ ގޮތްތައް ހޯދައިދިނުމުގެ ޝަކުވާ އަކީ މިދިޔަ ދަނޑުވެރިންގެ ދުވަހުގަ ވެސް އަޅުގަނޑުމެންނާ ހިސާބަށް އައި ކަމެއް." ރައީސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑަށް އެނގިފަ އޮތް ގޮތުން ވެއްޖިއްޔާ ވަކިވަކި ފަރުދުންނަށް ދޫކުރާ ލޯނު ދެ މިލިއަން ރުފިޔާ އަށް ވަނީ ބޮޑުކޮށް، އެ ލޯނު ދޫކުރަން ފަށާފަ. ދަނޑުވެރިކަމުގައި މުސްތަގުބަލެއް އޮތްކަން އަޅުގަނޑުމެންނަށް ކަށަވަރުކަން މިހާރު އެބަ އެނގޭ." ރައީސް ވިދާޅުވިއެވެ.