ތިން ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން، ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އިބްރާހީމް ޝަހީބުގެ ނަމަށް ރުހުން ހޯދަން މަޖިލިހަށް ހުށަހަޅައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ބޫޓާނާއި ނޭޕާލްގެ އިތުރުން އަޒަރުބައިޖާނުގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ޝަހީބު އައްޔަން ކުރަން ގަސްދުކުރައްވާ ކަމަށެވެ.

ރައީސްގެ ސިޓީފުޅު މަޖިލިހުގެ ތަޅުމުގައި އިއްވައި ނިމުމާއެކު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވައިފައެވެ.

އިންޑިއާ އަށް ސަފީރެއްގެ ގޮތުގައި ޝަހީބު އައްޔަން ކުރައްވައި އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.

ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް އެންޑް ޕޮލިސީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރެއްވި ޝަހީބު ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއި ޕާމަނަންޓް ސެކްރެޓަރީގެ އިތުރުން، ޗީފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވައިފައެވެ.