ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދޭނެ ޑައިވް އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްފިއެވެ.

ޕޮސައިޑަން ހޭންޑީކެޕް ސްކޫބާ އެޑްވެންޗަރސްގެ ނަމުގައި ޔޫއެސްއޭ އަދި އެޓޯލްސް ވޯލްޑާއި ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ހާއްސަ އެހީއަށް ބޭނުން ވާނެ ފަރާތްތަކަށް ހިދުމަތް ފޯރުކޮށް ދިނުމަށް ޑައިވިން އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 12 ވަނަ ދުވަހު ވަނީ ފަށާފައެވެ. އެ ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެ ރަސްމިއްޔާތުގައި ވާަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޗުއްޓީ ދަތުރުތަކުގެ ތަޖުރިބާ މުއްސަނދި ކުރުމަށްޓަކައި ސަލާމަތްތެރި އަދި ދަތުރު ކުރަން ފަސޭހަ ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންގެ ތެރޭގައި މިނިސްޓާ އޮފް އެންވާރަމަންޓް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އާއި، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އާއި، މިނިސްޓާ އޮފް ސްޓޭޓް ފޮ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިފްހާމް ހުސެއިން ހިމެނެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މަޓީ، އެންބީއޭއެމް، އެންޖީއޭއެމް، މަޓާޓޯގެ އަދި އާޓާގެ ފަރާތުން މަންދޫބުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޑައިވް އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ތެރެއިން

މި ތަމްރީން ހިންގާނީ ޔޫއެސްއޭ އެޓޯލްސް ވޯލްޑް، އޮތެންޓިކާ 360 އާއި، އަދާރަން ރިޒޯޓްސް ޑައިވް ޕޮއިންޓް އަދި ޔަންގް އެންވާރަމަންޓަލިސްޓްސް ޕްރޮގްރާމް ގުޅިގެން އާދަރަން ރިޒޯޓްސް އަދި އެހެން ބައެއް ޑައިވް ސެންޓަރުތަކުގައެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޑައިވްކުރަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ނަތީޖާއަކަށް ވާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ދިވެހިރާއްޖޭގެ ކަނޑުފަޅާއި، މުރަކައިގެ ބަގީޗާތައް ދެކި ތަޖުރިބާ ކުރުމަށް ދައުވަތު ދިނުމުގެ ފުރުސަތު ހުޅުވާލުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމްގައި ކަނޑުފަޅުގެ ދިރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ގުޅޭ ފަންނީ ހުނަރާއި، މައުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

“މުނިފޫހިފިލުވުމަށް ސްކޫބަ ޑައިވްކުރުމާއި ގުޅޭގޮތުން އުނގަންނައިދީ، މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކަނޑުފަޅާއި، މޫދުގެ ހަރަކާތްތަކަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަންފަހިކުރުމުގެ މުހިންމު ބައެއް. މިއީ ތިއަރީ ކްލާސްތަކާއި، އޯޕަން ވޯޓަރ މޮޑިއުލްތަކާއި އަދި އެގްޒާމެއްވެސް ހިމެނޭހެން މި ޑައިވަރުން ތަމްރީނުކުރުމަށް ހިންގޭ ޚާއްސަ ކޯހެއް. ކޯސް ފުރިހަމަކުރުމުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ކިޔުމަށް ބޭނުންވާ ތަމްރީން ފުރިހަމައަށް ލިބިފައި ހުންނާނެ،”
ޕީއެޗްއެސްއޭ – ޔޫއެސްގެ ސީއީއޯ މާކް ރައުޝް

އަދާރަން ރިޒޯޓްސްގެ ސޭލްސް އެންޑް މަކެޓިންގްގެ އޭވީޕީ ސުރޭޝް ޑިސެނަޔަކަ ވިދާޅުވީ، ފަތުރުވެރިކަމުގެ މަންޒިލުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަރުހަބާ ކިޔުމަކީ ލިބޭ ނުހަނު ބޮޑު އުފުލެއް ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޑައިވް އިންސްޓްރަކްޓަރުން ތަމްރީނު ކުރުމާއި، ކަނޑުފަޅުގެ ދިރުމާއި، ދެމެހެއްޓިނިވި އާދަތަކުގެ މައްޗަށް އިންސްޓްރަކްޓަރުންނަށް ތަމްރީނު ދިނުމަކީ އަންނަން އޮތް ޖީލަށް ފަތުރުވެރިކަން ވާސިލުކޮށްދިނުމުގެ މުހިންމު ބައެއް ކަމަށެވެ. މެހެމާންދާރީ އަދާކުރުމުގެ މިސިނިއާތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިވެރިވުން ހޯދޭނެ ގޮތްތަކަށް ކަން ފަހިކުރުމަކީ ނުހަނު އުފާވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެޓޯލްސް ވަރލްޑް އަދި އޮތެންޓިކާ 360 ގެ މެނޭޖިންގް ޑިރެކްޓަރ ބައްސާމް އާދަމް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީ އަދި އެންމެންނަށް ބައިވެރިވެވޭ، ކަންފަހި ފަތުރުވެރިކަމެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި އެޓޯލްސް ވޯލްޑް އަބަދުވެސް އިސްނަގާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ އެޓޯލްސް ވޯލްޑްގެ އެކަނި ޕްރޮގްރާމެއް ނޫން ކަމަށާއި، ދިވެހިރާއްޖެއަކީ އެންމެނަށް ވެސް މަރުހަބާ ކިޔޭނެ ފަތުރުވެރިކަމެއް އޮތް ގައުމެއް ކަން ކަށަވަރު ކުރުމަށް ހުރިހާ އެންމެން އެއްބާރުލާ، ހިންމަތްކުރަންޖެހޭ ކަމަށެވެ.