އައިޖީއެމްެއެޗް ހޮސްޕިޓަލުގެ މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް ހާއްސަ އިމާރާތުގެ (ހިޔަލަ ވިންގް) ބަލިމީހުން އަރާ ފޭބުމަށް ބޭނުންކުރާ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލައެއް ދިމާވެ ބައެއް ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ވޯޑްގެ ލިފްޓަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އިމާރާތުން ދެމުން ގެންދާ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހިޔަލަ ވިންގްގެ 2 ވަނަ ފަންގިފިލާއިން ދެމުންގެންދާ އިމަޖެންސީ ހިދުމަތްތައް ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމަންޓުގެ (އަވަސްފަރުވާގެ ހިދުމަތްދޭ ތަން) އައިސޮލޭޝަން އޭރިއާއަށް ވަގުތީ ގޮތުން ބަދަލު ކުރެވިގެން ދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓް ކުރެވޭ ބަލިމީހުން ވަގުތީ ގޮތުން ދަރުމަވަންތަ ބިލްޑިންގެ 12، 16 އަދި 17 ވަނަ ފަންގިފިލާގައި އެޑްމިޓް ކުރަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންނަމަވެސް ހިޔަލަވިންގުގެ ފުރަތަމަ ފަންގި ފިލާއިން މިހާރު ދެމުންގެންދާ އޯޕީޑީގެ ހިދުމަތްތަކަށް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ދޭނެ ކަމަށާއި ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ދެމުންގެންދާ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގެ ހިދުމަތްތައް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ހިޔަލަ ވިންގުން ދޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެ ބަދަލާއެކު ބެޑްކެޕޭސިޓީ ދަށްވެ އެނދުމަތިކުރެވޭ ބަލިމީހުންގެ އަދަދު މަދުކުރެވުމާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް ބުރޫ އެރުމަކީ އެކަށިގެންވާ ކަމަށާއި ދުރާލާ ޝެޑިއުލްކޮށްފައިވާ ބައެއް ސާޖަރީތައް ވަގުތީގޮތުން މަޑުޖައްސާލެވިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ހިޔަލަ ވިންގުގެ ބަލިމީހުން ބޭނުންކުރާ ލިފްޓަށް ދިމާވި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލަ ހައްލުވުމުން ހިޔަލަ ވިންގުން ދެމުންގެންދިޔަ ހިދުމަތްތައް އަލުން މި އިމާރާތަށް ބަދަލު ކުރެވޭނެ ކަމަށެވެ.