މަކީޓާ ބްރޭންޑުގެ ތަކެއްޗަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނަކާ އެކު، އަގުހުރި އިނާމުތަކެއް ލިބޭ މުބާރާތެއް އެސްޓީއޯ އިން ފަށައިފިއެވެ.

އެސްޓީއޯ އިން ވިއްކާ މަކީޓާ ބްރޭންޑުގެ ތަކެއްޗަށް 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން ފައްޓަވައިދެއްވާފައި ވަނީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، ބިޒްނަސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުހައްމަދު އިހުސާން ވަހީދެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ އިތުރުން، މަކީޓާ ބްރޭންޑުގެ ތަކެތި ލިބޭ ބައިލައްކަ ރުފިޔާގެ ވައުޗަރެއް ލިބޭ މުބާރާތެއް ވެސް އެސްޓީއޯ އިން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

"ހެއްޔާ މަކިޓާ މުބާރާތް"ގެ ނަމުގައި މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދަނީ ރަށްރަށަށް ހުޅުވާލައިގެން، ދިވެހިންނަށް ހަމައެކަނި ބައިވެރިވެވޭ ގޮތަށް ކަމަށާއި، އެ މުބާރާތުގައި ބައިވެރިކުރާ ތަކެތި ފަރުމާ ކުރަން ޖެހޭނީ މަކިޓާ ބްރޭންޑުގެ ތަކެތި ބޭނުންކޮށްގެން ކަމަށް، އެސްޓީއޯ އިން ބުންޏެވެ.

"ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ގަވައިދު

  1. ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް
  2. ފަރުމާކުރާ ތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ބްރޭންޑުގެ ތަކެތި ބޭނުންކޮށްގެން
  3. ފަރުމާކުރާ ތަކެތީގައި އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު ހުންނަން ޖެހޭ، އަދި އެންމެ ބޮޑުވެގެން 4 ފޫޓު 5 ފޫޓު ހުންނަން ޖެހޭ
  4. ފަރުމާކުރާ ތަކެއްޗަކީ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗަށް ވެގެން ނުވާނެ
  5. އެއް މިނެޓުގެ ވީޑިއޯގައި މަކިޓާ ބްރޭންޑުގެ ތަކެތި ބޭނުންކުރާ ތަން ފެންނަން ވާނެ
  6. ވީޑިއޯ ކޮލިޓީ ހުންނަން ވާނީ ފުލް އެޗްޑީ (1080ޕީ) ކޮލިޓީގަ

މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު އެސްޓީއޯގެ މަކީޓާ ޝޯރޫމާއި ވެބްސައިޓުން ލިބޭނެއެވެ. އެސްޓީއޯ އިން ބުނީ ވައިބާ (7980240) ނަންބަރުގެ އިތުރުން ޝޯރޫމަށް، އަދި އީމެއިލް މެދުވެރިކޮށް މި މަހުގެ 23 ގެ ރޭގަނޑު 10 ގެ ކުރިން ފޯމް ހުށަހެޅޭނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަހުގެ 25 އިން ފެށިގެން މަސްދުވަހުގެ ތެރޭގައި މުބާރާތުގެ ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ އެކައްޗެވެ.

މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • ޖަޖުންގެ 70 ޕަސެންޓު
  • އާންމުންގެ 20 ޕަސެންޓު (ފޭސްބުކް ލައިކްތަކަށް ބެލުމަށްފަހު)
  • ހުށަހަޅާ ވީޑިއޯ އަށް 10 ޕަސެންޓު

ވަނަތަކަށް ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމުތައް:

  • އެއްވަނަ: ބައިލައްކަ ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް
  • ދެވަނަ: 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް
  • ތިންވަނަ އިނާމް: 15،000ރ ގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް

މި މުބާރަތަކީ މަކިޓާ ޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެއް ކަމަށާއި، މި މުބާރާތުގެ ސަބަބުން ވާދަވެރި މާހައުލެއްގައި ވަޑާމުގެ މަސައްކަތްތަށް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދާނެ ކަމަށް، އެސްޓީއޯ އިން ބުނެއެވެ.