މިއަހަރުގެ ވޯލްޑްކަޕް ރާއްޖެ ޓީވީ އާއި ޕީއެސްއުމް އަދި މީޑިއާނެޓްގެ އައިސް ޕްލަސްއާ ގުޅިގެން ބެލުންތެރިންނަށް ގެނެސްދިނުމަށް ހަމަ ޖެހިފައިވާއިރު ވޯލްޑްކަޕްގެ ކަވަރޭޖް ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

ފީފާ ވޯލްޑް ކަޕް ގަތަރް 2022 ގެ ކަވަރެޖް ޓައިޓަލް ޕާޓްނައެއްގޮތުގައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދް އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒްއެވެ. އަދި މީޑިއާނެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ މީޑިއާނެޓްގެ ސީއީއޯ އަދި އެމްޑީ އަހްމަދް ޝަފީއު އަދި ސީއޯއޯ އަހްމަދް ނަބާހްއެވެ.

އުރީދޫން ބުނީ، އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުން ވެސް އުރީދޫއާއި އެކު އެއްބަސްވުމުގަ ސޮއި ކޮއްފައިވާ ކަމަށެވެ.

އެއްބަސްވުމަށްފަހުގައި ވާހަކަ ދައްކަވަމުން ހާލިދް ވިދާޅުވީ، ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަަށާއި ހަމަ އެގޮތުން އުރީދޫ ގްރޫޕާއިވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅުވަރެއް ކަމަށެވެ.

މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕަރޓަނަރޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު.
އުރީދޫގެ ސީއީއޯ އަދި އެމްޑީ ޙާލިދް އަލް-ހަމަދީ

ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމާބެހޭ ގޮތުން މީޑިއާނެޓްއިން ނަބާހް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ތާރީހުގައި ވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލް ތަކަކުން ފެނިގެންދާނެ ކަމަށެވެ. މިގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެނިގެންދާނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީއިން ކަމަށާއި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓްއަށް ވެސް ލިބިގެންދާ ޝަރަފެއް ކަމަށް ނަބާހް ވިދާޅުވިއެވެ.

ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރުގައެވެ.

މީގެ އިތުރުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ރާވާފައިވާ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.