އަމިއްލަ ސްކޫލްތަކުން އޭލެވެލް އަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން މާލީ އެހީ ދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސަރުކާރުން ހިންގާ މާލޭގެ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލްތަކުން ކިޔަވަން ސަރުކާރުން މާލީ އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް 5 މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ޝަރުތު ހަމަވެ ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލަކުން އޭލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ފީ ދެއްކުމުގައި ފައިސާގެ އެހީ ދޭނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ޝަރުތު ހަމަވާ ދަރިވަރުން މާލޭގެ ކޮންމެ ސްކޫލަކުން މަތީ ސާނަވީއަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.

މިވަގުތު މާލޭގައި އޭލެވެލްއަށް ކިޔަވައިދެމުން އަންނަނީ ސީއެޗްއެސްއީ އާއި ވިލާ އިންޓާނޭޝަނަލް ހައި ސްކޫލާއި، އަހުމަދިއްޔާ އިންޓާނޭޝަނަލް ސްކޫލުގައެވެ.