އާންމު ގޮތެއްގައި ގުޅުމެއް ކުރިއަށް ގެންދާއިރު އެ ބައިވެރިޔާ އަކީ ތިމާ އަށް އެންމެ އެކަށޭނެހެން ހީވާ ބައިވެރިޔާ ކަމަށްވުމުން ކައިވެންޏަށް އެހުމަށް ފަހު އެންގޭޖް ވެއެވެ. އަދި އެންގޭޖް ވުމަށް ފަހު ގިނަވެގެން އަހަރެއް ތެރޭގައި ކައިވެނިކުރާ މީހުން ގިނައެވެ.
ނަމަވެސް މި އަންހެން މީހާގެ ގުޅުމަކީ މުޅިން ތަފާތު ގުޅުމެކެވެ. ލޯބިވެގެން ރަށްޓެހިވެގެން އުޅޭތާ ފަސް އަހަރުވެފައިވާ މި އަންހެން މީހާ ބުނީ ގުޅުމަށް ދެ އަހަރުތެރޭ އޭނާގެ ލޯބިވެރިޔާ ޕްރޮޕޯސް ކުރި ކަމަށާއި އަދި އެންގޭޖްވި ކަމަށެވެ. ނަމަވެސް އެންގޭޖް ވެގެން ހުރެ މިހާރު ތިން އަހަރު ފާއިތުވެއްޖެ ކަމަށާއި ބައިވެރިޔާ އަދި ވެސް އޭނާ އާ ކައިވެނިކުރަން ނޫޅޭ ކަމަށެވެ. އޭނާ ބުނީ އެންގޭޖްވި އިރު ދެމީހުންވެސް ރޭވީ ޖެހިގެން އަންނަ އަހަރު ބޮޑު ހަފްލާ އަކާއެކު ކައިވެނިކުރަން ކަމަށެވެ.
ނަމަވެސް މިހާރު ލޯބިވެރިޔާގެ ހިޔާލު އެއްކޮށް ބަދަލުވެފައިވާ ކަމަށާއި ބޭނުންވަނީ ކައިވެނި ނުކޮށް ތިބެން ކަމަށްވެސް އޭނާ ބުންޏެވެ.
"މިހާރު ގުޅުމަށް ފަސްއަހަރުވެއްޖެ. އަހަރެން ލޯބިވެރިޔާ އާއެކު ދިރިއުޅެމުން މި ދަަނީ އަހަރެންގެ ކުރީގެ ގުޅުމަށް ލިބުނު ދަރިންނާ އެކު އެއް ގެއްގައި. ލޯބިވެރިޔާ ކައިވެންޏަށް އެހުމުން އަހަރެންގެ އާއިލާ އަށް ވެސް އެ ހަބަރު ދިނިން. އަހަރެންވެސް އަދި އަހަރެންގެ އާއިލާ ވެސް މި ތިބެނީ ކައިވެނީގެ އިންތިޒާރުގައި،"
އޭނާ ބުނީ އެވާހަކަ ބައިވެރިޔާ ގާތު ދެއްކުމުން ބައިވެރިޔާ ބުނީ ކައިވެނިކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަންހެން މީހާ، ފިރިހެން މީހާގެ ހައްގެއްގެ ގޮތުގައި އުމުރުދުވަހު ގެންގުޅެން ބޭނުންވާ ކަމަށެވެ. އަދި އަންހެން މީހާ ނޫން އެހެން މީހަކު ދެކެ ލޯބިވެސް ނުވާކަމަށާއި އުމުރުދުވަހު އެކުއެކީ އުޅެން ބޭނުންވާ ކަމަށެވެ.
އޭނާ ބުނީ އޭނާވެސް އަލުން ކައިވެންޏެއްކޮށް އުފަލުގައި ދިރިއުޅެން ބޭނުންވާ ކަމަށެވެ. ލޯބިވެރިޔާ މިވަގުތު ހުރީ ވަޒީފާގެ ކަމެއްގައި ގައުމުން ބޭރަށް ގޮސް ކަމަށެވެ. ކައިވެނި ނުކުރިއަސް ބައިވެރިޔާ ބޭނުންވަނީ އަނގޮޓި އަބަދު އަޅައިގެން ހުންނަން ކަމަށާއި މިއީ ގޮތެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.
"މާ ގިނަ ދުވަހެއް ނެތް އޭނާ މަސައްކަތް ނިންމާފައި އެނބުރި އަންނާކަން. އޭނާ އަންނަ އިރަށް އަހަރެންގެ އަނގޮޓި އޭނާ އަށް ދީފައި އަހަރެން އަމިއްލަ ދިރިއުޅުމައިގެން ދެން އުޅޭނީ،" އަންހެން މީހާ ބުންޏެވެ.