ރަށްރަށުގައި އެމްޓީސީސީން ދެމުން ގެންދާ އާރުޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ކަރުދާސް ޓިކެޓު ވިއްކާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، މާދަމާއިން ފެށިގެން ރަށްރަށުގައި ދެމުންދާ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކަރުދާސް ޓިކެޓު ވިއްކަމުން ދާނެ ކަމަށެވެ. ކަރުދާސް ޓިކެޓުގެ އިތުރުން މިހާރެކޭ ވެސް އެއްގޮތަށް އާރުޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ކިއުއާރު ޓިކެޓު ނަގައިގެން ދަތުރުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ކަރުދާސް ޓިކެޓު ތައާރަފްކުރުމާ އެކު، ސީދާ ބަހުން ޓިކެޓު ގަނެވޭނެއެވެ. އެމްޓީސީސީން ބުނީ އެގޮތަށް އެ ކުންފުނިން ނިންމާފައި ވަނީ އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ.

ހަނދާނުގައި ބަހައްޓަންވީ ކަންކަން:

  • ކަރުދާސް ޓިކެޓު ލިބޭނީ ބަހުން އެކަނި
  • ޓާމިނަލްތަކުން ކަރުދާސް ޓިކެޓު ނުވިއްކާނެ
  • ބަސް ޓިކެޓުގެ ފައިސާ ލާނެ ފޮއްޓެއް ހުންނާނެ
  • މާރެއް ނުކުރެވޭނެ، އެހެންކަމުން ފައިސާ ގެންނަން ވާނީ ރުފިޔާ ހަމަވާނެހެން

ކަރުދާސް ޓިކެޓު ތައާރަފްކުރީ އިސްރަށްވެހިންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގެ އިތުރުން އެމްޓީސީސީން ހިދުމަތް ދެމުން ގެންދަނީ:

  • ލ. އަތޮޅުގައި (ފޮނަދު އާއި ގުޅިފައިވާ ރަށްތަކާއި އިސްދޫ ކަލައިދޫ)
  • އައްޑޫ ސިޓީ
  • ފުވައްމުލައް ސިޓީ

ޓިކެޓުތަކުގެ އަގުތައް ކަނޑައެޅިފައިވާ ގޮތަށް ބަލާލާއިރު، އައްޑޫގެ މައި ކަނެކްޓާ ރޫޓާއި، ލ. ގަމާއި އެ އަތޮޅު ފޮނަދޫގެ އެއާޕޯޓް ރޫޓަށް އަގުތައް ކަނޑައަޅާފައިވަނީ ދަތުރުގެ ދިގުމިނަށް ބެލުމަށް ފަހުގައެވެ. އެގޮތުން އެ ތިން ރޫޓުން ކުރާ އެންމެ ކުރު ދަތުރަކަށް 10 ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ ދިގު ދަތުރުތަކަށް ކަނޑައަޅާފައިވަނީ 20 ރުފިޔާއެވެ. އެހެންނޫނީ އެ ތިން ރޫޓުން ދަތުރުކުރާ ނަމަ ޓިކެޓެއްގެ އަގަކީ 15 ރުފިޔާއެވެ.

ލ. އަތޮޅާއި އައްޑޫ ސިޓީގެ އެތެރޭގެ ދަތުރުތަކާއި، ފުވައްމުލަކުގައި ކުރާ ބަސް ދަތުރުތަކުގެ ޓިކެޓެއްގެ އަގަކީ ފަސް ރުފިޔާއެވެ.

މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން މާލޭގައި މިނީބަހުގެ ހިދުމަތްތަކަށް އަގު ނަގަން ފެށިއިރު، ޓިކެޓެއްގެ އަގަކީ ހަތް ރުފިޔާއެވެ. އެމްޓީސީސީގެ ފަރާތުން މި މަހުގެ ކުރީކޮޅު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބަހުގައި ފައިސާ މާރުކުރެވެން ނެތް ކަމަށާއި، މާރުކުރެވެން ނުހުންނަނީ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކަމަށެވެ.