އަންނަ އަހަރަށް ލަފާކުރާ ބަޖެޓެއްގެ ގޮތުގައި 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، ނަމަވެސް އެއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ މިވަގުތު އޮތް ގޮތަށް ބެލުމަށްފަހު އަންނަ އަހަރަށް 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިވަގުތު ކުރިއަށް ދަނީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދެން ޕޮލިސީ ލެވަލްގެ ޑިސްކަޝަންތަކާ އެއްކޮށް އެއަށް ވުރެ ކުޑަވުމަކީ ވެސް އެކަށީގެންވާ ކަމެއް. އަދި އެއަށް ވުރެ ކޮންމެވެސް ވަރަކަށް ހަމަ މަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް، އެކަމަކު މިހާރުގެ ހަމަ އަމާޒަކީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްގަ ހިފެހެއްޓުން. އެއީ އަޅުގަނޑުމެންގެ މިހާރުގެ ފިސްކަލް ސްޓްރެޓެޖީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ލަފާކުރެއްވި ގޮތުގައި އަންނަ އަހަރު 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 24.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ލަފާކުރެއްވިއެވެ.

އަމީރު ވިދާޅުވީ، އަންދާޒާކުރި ވަރަށް ވުރެ ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް މިވަގުތު މަސައްކަތްކުރަން ޖެހިފައި އޮތީ ބަދަލުވަމުންދާ ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ.