މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކުގެ ދަރުސް އޮންނަ ރެއާ ދިމާވާތީ، ޔޫތު މިނިސްޓްރީ އާ ގުޅިގެން ބައިސްކޯފުން ހުޅުމާލޭގައި ބާއްވާ "ޗަނާޗާ 2022" މިއުޒިކް ޝޯ އެއް ރެއަށް ފަސްކޮށްފިއެވެ.
މުފްތީ މެންކުގެ ދަރުހާއި "މެނިކޭ މަގޭ ހިތޭ" ލަވަ ކިޔައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސްރީލަންކާގެ ޔޯހާނީ ޑި ސިލްވާ އާއި ދިވެހި ގިނަ ފަންނާނުންގެ ހުނަރު ފެނިގެން ދާނެ ޗަނާޗާ ޝޯ، އެއް ރެއެއްގައި ބާއްވާތީ، ބައެއް އާންމުންގެ ފަރާތުން ޔޫތު މިނިސްޓްރީ އަށް އަދި ބައިސްކޯފަށް ފާޑުކިއުން އަމާޒުވެފައި ވެއެވެ. އަދި އެކަމުގައި ބައެއް އާންމުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ކުރި ފޭސްބުކް ޕޯސްޓެއްގައި ބައިސްކޯފުން ބުނީ، ޗަނާޗާ ޝޯ ބާއްވަން ހަމަޖެހިފައިވާ ރޭ ބޮޑު އެހެން ހަރަކާތެއް އޮންނަ ކަން ސަމާލުކަމަށް އައްިސްފައިވާ ކަމަށެވެ. އެހެންވެ، އެ ހަރަކާތާ ފުށޫއަރާތީ، އެ ދުވަހާ ޖެހިގެން އޮތް ދުވަހުގެ ރެއަށް ޝޯ ފަސްކުރީ ކަމަށް ވެސް ބައިސްކޯފުން ބުންޏެވެ.
މުފްތީ މެންކުގެ ދަރުސް އޮންނާނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެރެއެވެ. އަދި ޗަނާޗާ ޝޯ އޮންނާނީ ޖެހިގެން އޮންނަ ދުވަހުގެ ރެއެވެ.
ހުޅުމާލޭގައި ބާއްވާ ޝޯ ގެ ޓިކެޓު އިންސްޓަގްރާމް މެދުވެރިކޮށް ބައިސްކޯފުން ވިއްކަމުން ދާއިރު، ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ.