ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް އިބްރާހީމް މާހިރު، މެޑޯޒް / ރ. އަލިފުށި އައްޔަންކުރަން ޖޭއެސްސީން ނިންމައިފިއެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ ކުރީގެ އިސް ގާޒީ ހުޒައިފާ މުހައްމަދު އައްޔަނުކުރުމާ ގުޅިގެން، ފެމިލީ ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އުފުއްލަވާފައި ވަނީ މާހިރެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު، އެ މަގާމަށް މާހިރު އައްޔަނުކުރަން ނިންމީ މި މަހުގެ 5 ގައެވެ. އަންނަ ހަފްތާގައި މާހިރަށް ފަތްކޮޅު ދޭނެއެވެ.

12 އަހަރު ވަންދެން ފެމިލީ ކޯޓުގައި މަސައްކަތްކުރެއްވި ގާޒީ މާހިރު އެންމެ ފުރަތަމަ އައްޔަނުކުރީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ނޮވެމްބަރު 9، 2005 ގައެވެ. އޭގެ ގާތްގަނޑަކަށް ފަސް އަހަރު ފަހުން މެއި 3، 2010 ގައި މާހިރު ވަނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުކޮށްފައެވެ.