ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭންކުން އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބަށް ބައިވެރިން ހޮވުމަށް ބާއްވާ ހެކަތަންގައި މެންޓާސްގެ ގޮތުގައި އައިޓީ ދާއިރާގެ މަޝްހޫރު މީހުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ފުރަތަމަ ފަހަރަށް ބީއެމްއެލުން ބާއްވާ ހެކަތަން އިއުލާނު ކޮށްފައިވާ އިރު އެ ހެކަތަންގައި މެންޓާސްގެ ގޮތުގައި ހަ މީހަކު ބައިވެރިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެއީ ސޮފްޓްވެއާ އިންޖިނިއާ ނާއިލް އަބްދުއް ރަހްމާން އާއި ޓެކްނޮލޮޖީ މެނޭޖަރު އައިޝާ އަދުނާނާއި، އައިޓީ ސްޕެޝަލިސްޓް މުސްތަފާ ތަމްޔީޒްއާއި، މޭކާ، ހަސަން އިރުފާނާއި، އައިސީސީޓީ ކޮންސަލްޓަންޓް އިބްރާހިމް ވަހީދު އަދި ޑާޓާ އިންޖިނިއާ ނިއުމާ ފާއިޒެވެ.

މި ހެކަތަން ކުރިއަށް ގެންދާނީ "ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ތީމްގެ ދަށުންނެެވެ. މި މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ހެކަތަން ކުރިއަށް ގެންދާނީ 48 ގަޑިއިރަށެވެ. އެ ދުވަހުގެ މެންދުރު ފަހު 2 ޖަހާއިރު ހޮޓެލް ޖެންގައި މި ހެކަތަން ފަށާއިރު، އަމިއްލަ ފަރުދުންނާއި ޓީމްތަކަށް މި ހެކަތަންގައި ބައިވެރިވެވޭނެއެވެ. އަދި މި ހެކަތަންގައި ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަށް ަކަމށް ބީއެމްއެލުން ބުނެއެވެ.

މި ހެކަތަންގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ތިން ޓީމެއް ހޮވައި، އެ ޓީމުތަކުން ހުށަހަޅާ ހިޔާލުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހަ މަސް ދުވަހަށް އެހިވުމަށް ވަނީ ހަމަޖެހިފައެވެ. އެ މުއްދަތުގައި މަސައްކަތް ކުރުމަށް ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދޭ އިރު، ހާއްސަ އޮފީހެއް ދިނުމާއި، ހަދާ ޕްރޮޑަކްޓަށް ދިގު މުއްދަތުގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ހަމަޖައްސައި ދޭނެ ކަމަށް ބޭންކުން ބުނެއެވެ.