ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ނުރަސްމީ ދަތުރުފުޅަކަށް ރައީސް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. ރައީސްގެ އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއްނުކުރައްވައެވެ.

ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން މި އަހަރުގެ ފެބްރުއަރީ މަހު ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިއިރު އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން މިދިޔަ އޭޕްރިލް މަހު ވެސް އެ މަނިކުފާނުގެ ދެކަނބަލުން ސިންގަޕޫރަށް ވަނީ ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މީގެ 3 ދުވަސް ކުރިން ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ބަހްރައިންގެ ރަސްގެފާނު، ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނަވާފައެވެ.

މިއަދު ރައީސް ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުން އެމެރިކާގެ ވޮޝިންޓަނަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާން ވަނީ ނިންމަވާފައެވެ.