ރައްޔިތުންގެ މަޖިލިހަކީ މަސްތުވާތަކެތީގެ އައްޑާ އެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝަރީފް ވަނީ މަޖިލީހަކީ ހިޔާލު ފާޅުކުރެވޭ، ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި މަޝްވަރާ ހޯދޭ ފަދަ ތަނަކަށް ވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މެދުގައި އޮންނަ ޒާތީ ތައައްސަބާއި ނަފްރަތާއި ރުޅިވެރިކަމުގައި މި މަޖިލީހަކީ ޒުވާބުކުރާ ގައުމު ސުންނާފަތި ވިޔަސް ވަރިހަމަ ކަމަށް ޖާގަ ދީގެން ތިބޭ ތަނަކަށް ވެގެން ނުވާނެ. ހިތާމައާ އެކު ދަންނަވަން ޖެހެނީ އެފަދަ ގޮތަކަށް އެކަންކަން ވަމުން އެބަ ދެއޭ." ޝަރީފް ވިދާޅުވިއެވެ.
އެ ހިސާބުން ޝަރީފްގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވަނީ ޝަރީފްގެ ވާހަކަ މަޑުޖައްސަވާލަން އަންގަވައިފައެވެ.
އެއަށްފަހު ނަޝީދު އަނެއްކާ ވެސް ޝަރީފަށް ފުރުސަތު ދެއްވުމުން ޝަރީފް ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި މަޖިލިހަކީ މަސްތުވާތަކެތި ބޭނުންކުރާ އައްޑާ އަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ފަހަރަށް ޝަރީފްގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވި ގޮތުގައި، ޝަރީފް ގެންދަވަނީ މަޖިލިހުގެ ގަދަރާއި އިއްޒަތް ނަގާލުމުގެ ބޭނުމުގައި ސާބިތު ނުހިފޭ ވާހަކަ ދައްކަވަމުންނެވެ.
"މިތަނުގައި ޑްރަގެއް ނުގެންގުޅޭނެ، މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް." ނަޝީދު ވިދާޅުވިއެވެ. އެހެން ވިދާޅުވުމަށް ފަހު ޝަރީފްގެ ވާހަކަ ކުރުކޮށްލަން ނަޝީދު އެންގެވިއެވެ.
ދެއްކެވި ވާހަކަ ތަކުރާރުކުރައްވައި ޝަރީފް ވިދާޅުވީ، ނަޝީދު ދެއްކެވި ވާހަކަފުޅުގެ ހަގީގަތް އެނގިވަޑައިގަންނަވާނީ މަޖިލިހުގައި ބްރެތު އެނަލައިޒަރެއް ބެހެއްޓުމުން ކަމަށެވެ.
މީގެ ދެ ދުވަހެއް ކުރިން މަޖިލީހުގައި ޝަރީފް ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަސްތުގެ ހާލުގައި ހުރެ މަޖިލިހުގައި ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. ހޯމަ ދުވަހުގެ ޖަލްސާގައި އެ ދެ މެންބަރުންގެ މެދުގައި ޒުވާބެއް ވެސް ހިނގިއެވެ.