އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިހާބުވުމަކީ ލިބުނު ފަހުރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިޔަށް އޮތް ދައުރު (2023-2025)ގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމާއި ގުޅިގެން ރައީސް ވިދާޅުވީ ހަމަހަމަކަމާއި އިންސާނީ ޙައްޤުތަކަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސް ކަމަށެވެ. އަދި ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ގޮނޑި ކާމިޔާބުކުރުމަށް ފޮރިން މިނިސްޓަރ ޝާހިދާއި އެމަނިކުފާނުގެ "ހާރިޖީ ޓީމް"އިން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއިން މި ގޮޑި ކާމިޔާބު ކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ވާދު ކުރިން 6 ގައުމުގެ ތެރެއިން އެކައުންސިލަށް އިންތިހާބުކުރި 4 ގައުމުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯދައިގެންނެވެ. އެ ގޮނޑި އަށް ރާއްޖޭގެ އިތުރުން ދެން ވާދަކޮށްފައިވަނީ އަފްޤާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ކިރްގިސްތާން އަދި ރިޕަބްލިކް އޮފް ކޮރެއާ އާއި ވިއެޓްނާމްއެވެ.

ހިއުމަން ރައިސްޓް ކައުސިލްގެ ގޮނޑިއަށް ރާއްޖެ އިންތިހާބުވެފައިވާއިރު މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ރާއްޖެވަނީ މި ކައުންސިލްގެ މެމްބަރުކަން ކޮށްފައެވެ. އެއީ އެންމެ ފުރަތަމަ 2011 އިން 2013 އަށާއި 2014 އިން 2016 އަހަރަށެވެ.