ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ކުރުމަށާއި ޖީއެސްޓީ އަދި ޓީޖީއެސް ބޮޑު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅި އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވިއިރު އެ ވަގުތު ތިއްބެވީ 62 މެންބަރުން ކަމަށްވާއިރު އެ ބިލު ފާސްވީ 32 މެންބަރުންގެ ވޯޓާ އެކުއެވެ. 22 މެންބަރަކު ވޯޓުގައި ބައިވެފައިނުވާއިރު ބިލާ ދެކޮޅަށް 8 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެ ބިލުގައި ވަނީ އެ އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެފައެވެ.