ކުރީގެ މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހުށަހެޅުއްވި އިސްލާހު މަޖިލިހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އުޝާމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ ތެރެއިން ފަސް މެންބަރުންނެވެ. ބާކީ ތިއްބެވި 31 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ބަލައިނުގަތުމަށެވެ.

މިދިޔަ ޖުލައި މަހު އުޝާމް ހުށަހެޅުއްވި އިސްލާހުގައި ބުނީ، މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއް ކަމަށާއި، އެހެންކަމުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ހިދުމަތާއި ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް ހުށަހަޅާ ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިއުން އޮތީ މިދިޔަ އޮގަސްޓް މަހުގެ 22 ގައެވެ.

އެ މާއްދާ މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 30 ޕަސެންޓް ލިބޭއިރު ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 45 ޕަސެންޓް ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނާއި އެ މީހުންގެ އާއިލާއަށް ހެލްތު އިންސުއަރެންސް ސްކީމެއް ކުރީގެ މެންބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ލިބެއެވެ.