ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސް ޕްލާންޓުން ވެސް މިހާރު ހިދުމަތް ލިބޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ، ފެނަކައާ ހަވާލުކޮށްފައިވާ ފ. ފީއަލި އައިސް ޕްލާންޓުން މިދިޔަ އާދިއްތަ ދުވަހު ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އެއާއެކު މިފްކޯއިން ފެނަކައަށް ހަވާލު ކުރި 14 އައިސްޕްލާންޓުން މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ. ފީއަލީގައި ހުރި އައިސް ޕްލާންޓަކީ 6 މަސް ވަންދެން ހިދުމަތް ނުދީ ހުރި ތަނެއް ކަމަށާއި އަދި މިހާރު އެ ތަނުންވެސް 24 ގަޑި އިރު ހިދުމަތް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކައިގެ އައިސް ޕްލާންޓްތަކުން 24 ގަޑިއިރު ގެންދަނީ ޚިދުމަތް ދެމުންނެވެ. އަދި "ފެނަކަ އައިސް" އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ދުރާލާ އައިސް ހޯދޭނެ އިންތިޒާމު ވެސް ފެނަކައިން ވަނީ ހަމަޖައްސައި ދީފައެވެ. ފެނަކަ އެޕުން އައިސްއަށް ޕްރީއޯޑަރު ކުރުމުން އޯޑަރު ކުރި އަދަދާއި ޖުމްލަ އަގާއެކު ކޮންފަމޭޝަން މެސެޖެއް ލިބޭނެއެވެ. އަދި ކުރީގެ އޯޑަރުތަކުގެ ތަފްސީލުވެސް އެ ޕޯޓަލްއިން ބަލާލެވޭނެއެވެ.

މި ހިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަގީންކަމާއެކު އައިސް ލިބޭނެއެވެ. އަދި ޔަގީންކަމެއްނެތި އައިސް ހޯދަން ކިއުގައި މަޑުކުރަން ނުޖެހުމަކީ ވެސް މަސްވެރިންނަށް ވަގުތު ސަލާމަތް ކުރެވޭނެ ކަމެއް ކަމަށާއި އެ އެޕް ފަރުމާ ކޮށްފައިވަނީ އެ ބޭނުމަށް ކަމަށް ފެނައިން ބުނެއެވެ.

މިފްކޯއިން ފެނަކައާ ހަވާލު ކުރި 14 އައިސްޕަލާންޓަކީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫގައި މީގެ ކުރިން މިފްކޯއިން ހިންގި އައިސްޕަލާންޓްތަކެވެ.