މަސްވެރިންގެ ހައްގުގައި "ލޭނާރު"ގެ ނަމުގައި އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި މައްސަލައިގައި ބުނީ، އިއްޔެގެ މުޒާހަރާގައި ފުލުހުން 10 މީހަކު ހައްޔަރުކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ފަހުގައި ކަމަށެވެ.

ހުސައިން ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމަލުތައް އިއްޔެ ހުރީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށެވެ. އޭގެ އިތުރުން އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ:

  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް
  • ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވި އަންހެނުންގެ ކަރާމާތް ނަގާލާފައިވާ ކަމަށް

"މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް، ފުލުހުންގެ ގާނޫނާ ވެސް ހިލާފު ކަމަކަށްވާތީ އާއި މުޒާހަރާ ރޫޅާލާ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އިހްތިޖާޖުގެ ބައިވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލުކޮށްފައި ވާތީ..."

އަދި މި ކަމަކީ އިދިކޮޅު ޕާޓީގެ ހައްގުތަކާއި ޒިންމާތަކަށް ހުރަސްއެޅުމަށް ސަރުކާރުން އަންގައިގެން ފުލުހުން ލައްވާ ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރައްވައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރުމަށާއި، އާންމުންގެ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ހައްޔަރުކުރި މީހުން ދޫކޮށްލުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

ނަމަވެސް، ވޯޓުގައި ބައިވެރިވި 31 މެންބަރުންގެ ތެރެއިން އެ މައްސަލަ އަށް ބަހުސްކުރަން ނުފެންނަ ކަމަށް 23 މެންބަރަކު ވޯޓު ދިނުމުން އެ މައްސަލަ އަށް ބަހުސްކުރުމަށް ފާހެއް ނުވިއެވެ. އެ މައްސަލަ އަށް ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދިނީ އަށް މެންބަރުންނެވެ. ވަކި ގޮތަކަށް އެއް މެންބަރަކު ވޯޓު ނުދެއްވައެވެ.

އިއްޔެގެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ގޮވާލައި، ނޫ އިގްތިސޯދު ސިޔާސަތުގެ ދަށުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.