ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބޭއަދަބީ ބަހުރުވައިން މުހާތަބުކުރައްވައި، ޒުވާބު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އަދުލު އިންސާފުގެ ވާހަކަ މަޖިލިހުގައި ދެކެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ވައްކަންކޮށްގެން ތިބި މަޖިލީހަކުން މެންބަރުން މިތާ ވައްކަންކޮށްގެން ތިބެފަ ރައްޔިތުންގެ މަޖިލިހަށް ހޮވިފަ މި ތިބި އިއްޒަތްތެރި ބޭފުޅުން ވައްކަން ކޮށްގެން ތިބެންޏާ ދެން ކޮން ކޯޓެއްގެ ވާހަކަ މިތާނގަ ދައްކަންވީ؟" ޖާބިރު ސުވާލުކުރެއްވިއެވެ.

"ކޯޓަށް މީހުން ކަނޑައަޅަނީ މިތަނުން. މި ވަގުން މިތާ ތިބެގެން 16 ވަގުންގެ ވޯޓާ އެއްކޮށް މިތާ އެއްވެސް ކަމެއް ނުހިނގާނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަޖެހޭ ވިދާޅުވާން ކޮން ބައެއްގެ މައްޗަށްތޯ އޭ، ވަގުންގެ ލިސްޓަކީ ކޮބައިތޯ އޭ، އެ މީހުންނަކީ ކޮން ރަށެއްގެ ކޮން ދާއިރާއެއްގެ މެންބަރުންނެއްތޯ އޭ."
އަބްދުالله ޖާބިރު | ކާށިދޫ ދާއިރާގެ މެންބަރު

އެ ހިސާބުން ޖާބިރުގެ ވާހަކަ މެދުކަނޑާލައްވާ ނަޝީދު ވިދާޅުވީ މެންބަރުންނަށް އެފަދަ ތުހުމަތުތައް ކޮށް ވާހަކަ ދައްކަން މަޖިލިހުގެ ގަވައިދު ތަން ނުދޭ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް، ޖާބިރު ގެންދެވީ ވާހަކަ ހުއްޓަވާނުލައްވައި ޝަރީފް މަޖިލިހުން ބޭރުކުރުމަށް ގޮވާލައްވަމުންނެވެ.

"އަޅުގަނޑު މި ދެންނެވީ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ނަންފުޅުގައި 88 މިލިއަނޭ ނަގާފަ އޮތީ، ވަގު ލާރި ނަގައިގެން 10 ބުރިއަށް ބިލްޑިން ނަގައިގެން އިއްޒަތްތެރި މެންބަރޭ ނުކިޔޭނޭ އެހިސާބުން. ރާއްޖޭގެ މަރަދޫ ރައްޔިތުން އެބަޖެހޭނުން ޝަރީފް މިތަނުން ބޭރުކުރަން. ސޯޅަ މެމްބަރުން ނުނުކުންނަންޏާ އަޅުގަނޑަކަށް ދެން ނާދެވޭނެ. މި މަޖިލީހުގައި އަޅުގަނޑަކަށް ދެން ނޫޅެވޭނެ،" ޖާބިރު ވިދާޅުވިއެވެ.

އެކަމަކު ޖާބިރު ތަޅުން ދޫކުރައްވައި ވަޑައިގަންނަވަނިކޮށް އެކަން ހުއްޓުވައި، އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނަޝީދު ދެއްވިއެވެ. އެއާއެކު، ޝަރީފް ނިޒާމީ ނުކުތާ ނަންގަވައި ޖާބިރަށް ރައްދު ދެއްވަން ފެއްޓެވިއެވެ.

"ދިވެހިރާއްޖޭގަ އުފެދުނު އެންމެ ފުރަތަމަ އަލަމްގީރު، ދިވެހިރާއްޖޭގަ ވައްކަން ކޮށްގެން މި މަޖިލިހުގައި އަރުވާލާފަ ހުރި ހަމައެކަނި އިއްޒަތްތެރި މެންބަރު، އަރިއަތޮޅަށް އަރުވާލާފަ ހުރީ."
އިބްރާހީމް ޝަރީފް | އައްޑޫ މަރަދޫ ދާއިރާގެ މެންބަރު

ޝަރީފްގެ ވާހަކަ އަށް ފަހު، ނަޝީދު ވަނީ އެއް މެންބަރަކު އަނެއް މެންބަރަކާ އެ މޭރުމުން މުހާތަބު ނުކުރެއްވުމަށް ދެ މެންބަރުންނަށް ވެސް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އެހެންނޫނީ ދެ މެންބަރުން ވެސް މަޖިލިސް ދޫކުރައްވާ ވަޑައިގަންނަވަން ޖެހިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު ޝަރީފް ވެސް ޖާބިރު ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަސްތައް ރައްދުކުރައްވަމުން ގެންދެވިއެވެ.

ޝަރީފާއި ޖާބިރުގެ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވާފައިވެއެވެ. ދެ މެންބަރުން ވެސް ޒުވާބު ހުއްޓަވާލެއްވީ އެކަން ހުއްޓާލުމަށް ނަޝީދު ނަސޭހަތްތެރިވެވަޑައިގަތުމުންނެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މިދިޔަ އަހަރު މަޖިލިހުގެ 241 ކޮމިޓީން އާންމުކުރި ލިސްޓުގައިވާ ގޮތުން، މިހާރު ތިބި މެންބަރުންގެ ތެރެއިން 16 މެންބަރެއް އެ ލިސްޓުގައި ހިމެނޭއިރު، އެ މެންބަރުންގެ ތެރޭގައި ޝަރީފް ހިމެނިވަޑައިގަންނަވައެވެ. އެ ލިސްޓުގައިވާ ގޮތުން ޝަރީފަށް 66.5 މިލިއަން ރުފިޔާ ލިބުނު ކަމަށް އޮތް ނަމަވެސް، އޭނާ އެ ތުހުމަތުތައް ދޮގުކުރައްވައެވެ.