ފަނޑިޔާރުންގެ ތައުލީމީ ފެންވަރު އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހޭނެ ކަމަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެ ބިލަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މީގެ 12 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް ގާނޫނުގައި ބުނާ ގޮތުން ނަމަ، މެޖިސްޓްރޭޓް ކޯޓުތަކާއި އެހެނިހެން ކޯޓުތަކުގައި ފަނޑިޔާރުންގެ ގޮތުގައި ތިބެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ޝަރީއަތުގެ ރޮނގުން އެންމެ ދަށްވެގެން ޑިޕްލޮމާ އެއް ހާސިލްކޮށްފައިވާ ނަމަ ކަމަށެވެ.
މިއަދު ވެސް އެގޮތަށް އެކަން އޮންނާތީ ކަންބޮޑުވުން ފާޅުކުރައްވައި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ޑިޕްލޮމާގެ ފެންވަރަށް އަހަރުދުވަހުން ކިޔެވޭ އިރު، އަދި ޑިގްރީ އަށް ކިޔަވާ ތިން އަހަރު ދުވަހުން ނިންމާލެވޭއިރު، ޑިޕްލޮމާ އަކީ ޑިގްރީގެ ފުރަތަމަ އަހަރު ކަމަށް ވަންޏާ އެ ހާސިލްކުރެވެނީ ޑިގްރީން ހާސިލްކުރާނެ ވަރުގެ ތިންބައިކުޅަ އެއްބައެވެ.
"ކުރުކޮށް ދަންނަވާ ކަމަށް ވަންޏާ އެއްޗެއްގެ ތިންބައިކުޅަ އެއްބައި ރޯފިލާފަ އޮންނާނީ އަނެއް ދެ ބައި އޮންނާނީ ރޯ ނުފިލާ އިއްޒަތްތެރި ރައީސް." އާދަމް ޝަރީފް ވިދާޅުވިއެވެ.
މިއަދު ދުނިޔޭގެ ހާލަތާއި ރާއްޖޭގެ ހާލަތު ބަދަލުވެ ބޮޑެތި މައްސަލަތައް މިއަދު ކޯޓުތަކަށް ހުށަހެޅޭކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވަނީ ޑިޕްލޮމާ ހައްދަވައިގެން ތިއްބެވި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ބޮޑެތި މައްސަލަތައް ބައްލަވައި އަދުލުވެރި ގޮތެއްގައި އިސްލާމީ ޝަރީއަތާއި ގާނޫނުތަކަށް ރިއާޔަތްކުރުމަށް ފަހު، އާންމުންނަށް އިންސާފު ހޯދައިދިނުމުގެ ގާބިލްކަން އެ ފަނޑިޔާރުންގެ ކިބައިގައި ހުރި މިންވަރާ މެދު ސުވާލު އުފައްދަވައިފައެވެ.
އެހެންކަމުން މިއަދު ކޯޓުތަކުގައި ތިއްބަވަން ޖެހޭނީ އެންމެ ދަށް މިނުން ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ އަށް ކިޔަވައިގެން ތިއްބެވި ފަނޑިޔާރުން ކަމަށް، އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެއީ މީގެ 12 އަހަރު ކުރިން ވެސް އަޅުގަނޑުމެން ޑިޕްލޮމާ އަކަށް ބެލީ. އެހެންވީމަ އޭގެ 12 އަހަރު ފަހުން އަޅުގަނޑު ދެކޭގޮތުގަ މިއަދު ޑިގްރީއަކާ ހަމައަށް ދާން ޖެހޭނެ." އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި ބައެއް އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:
- ފަނޑިޔާރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރަ އަށް ވުރެ 35 ޕަސެންޓު މަދު ނުވާނެ އަދަދެއް ދިނުމަށް ކަނޑައެޅުން
- ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ގާނޫނުގައި ކަނޑައެޅުން
- ފަނޑިޔާރު ކަމުން އަމިއްލަ އަށް އެދިގެން ވަކިވެވޭނީ 65 އަހަރު ވުމުން ކަމަށް ކަނޑައެޅުން
ކޯޓުތަކުގެ ލީގަލް އެސިސްޓަންޓެއްގެ ނުވަތަ އެފަދަ މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިގެންވާ ފަރާތްތަކަށް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭ ގޮތް ހެދުން އޭގެ ތެރެއިން، އުމުރު ބަދަލުކުރާ އިސްލާހަށް އާދަމް ޝަރީފް ތާއީދުކުރެއްވި ނަމަވެސް، ކޯޓުތަކުގެ ލީގަލް އޮފިސަރުކަން ދެ އަހަރު ވަންދެން ކޮށްފައިވާ ފަރާތްތަކަށް ފަނޑިޔާރުކަން ހަވާލުކުރުމަށް ހުށަހެޅި އިސްލާހަށް އާދަމް ޝަރީފް ތާއީދެއް ނުކުރައްވައެވެ.
"އެ ނޫން މަގަކުން މިކަން ގެންދެވިގެން ނޫނީވިއްޔާކާ އަޅުގަނޑުމެންނަކަށް ނަތީޖާ އެއް ނުނެރެވޭނެ." އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ ވާހަކަ ނިމުމުން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލުނުކުރައްވާ ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ.
ހަމަ އެއާއެކު، މިހާރު ވެސް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން 240 އަށް ވުރެ ގިނަ ކުދިން ކިޔަވާއިރު، ވިލާ ކޮލެޖުގައި ގާނޫނީ ދާއިރާ އިން ޑިގްރީ އަށް ކިޔަވައިދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ޔަގީން ކަށަވަރު މި އިއްޒަތްތެރި މަޖިލިހުގެ އިއްޒަތްތެރި މެންބަރުން އެއްބަސްވެވަޑައިގަންނަވާނެ ޖަޖުން ފަނޑިޔާރުންގެ ގާބިލްކަމާއި ތައުލީމީ ފެންވަރާއި އިލްމާއި އަހްލާގާއި، އެ މީހުން މުޖުތަމައުގައި ދިރިއުޅެމުން އަންނަ ގޮތާއި، މި ހުރިހާ ކަންކަމަށް އަޅުގަނޑުމެން ބަލަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު، މި ބިލަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް ދެއްކެވި ވާހަކަ އަށް ތާއީދުކުރައްވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ފަނޑިޔާރު ކަމަށް އައްޔަނުކުރާ މީހުންގެ ތައުލީމީ ފެންވަރު އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއާއެކު، އެހެން ގައުމުތަކުގައި ފަނޑިޔާރުން އައްޔަނު ކުރަން ޖެހޭ ގޮތަށް ބަލާލަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ފަނޑިޔާރަކަށް، އޭރުގެ ރައީސް ބިލް ކްލިންޓަން ހުށަހެޅުއްވި ނަން ނަސްލީ ތަފާތުކުރުންތަކާ ހެދި އަނބުރާ ފޮނުވާލުމުގެ މިސާލު ނަންގަވައި އަފީފް ވިދާޅުވި ގޮތުގައި، ފަނޑިޔާރު ކަމަށް އައްޔަނުކުރެވޭ މީހާގެ ނަޒާހާތްތެރިކަމަށް ވަރަށް ފުޅާކޮށް ބަލަން ޖެހެއެވެ.
މި ބިލަށް ބަހުސްކުރެއްވި ބައެއް އިތުރު މެންބަރުން ވެސް ވަނީ ފަނޑިޔާރުންގެ ތައުލީމީ ފެންވަރު އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ހޫން އެހެން މީހުންގެ ފެނަވަރު ހުންނަން ޖެހެނީ މެންބަރުން ހެޔޮ އުޑެއްބުޑެއް ނޭގުނަސް
ފަނޑިޔާރުން ރިޢަޔަތްކުރަންޖެހޭ ޤާނޫނުހަދަން ތަންދޮރުނޭގޭ ރޯނުއެނދުރުން ތިބުން ރަނގަޅުތޯ؟ ފުރަތަމަ ފަށަންވީ ޤާނޫނުހަދާހިސާބުން. ބިންގާ ކައްޗަށް ހުރެގެން ތިޔަބުނާހާ ސީދަލެއްނުވާނެ.