ދިވެހިރާއްޖޭގައި ރީ ބްރޯޑްކާސްޓިން ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ބަދަލުގައި ސިޔާސީ އަދި އެހެނިހެން ނުފޫޒުތަކެއްގައި ޖެހި، މީޑިއާނެޓަށް މާލީ މަންފާތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމުގެ ތުހުމަތު ކޮށްފައެވެ.
ސިޔާމްގެ ގަރާރުގައި ވަނީ ބްރޯޑްކާސްޓިންގެ ހިދުމަތްދޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ހަމަހަމަ މާހައުލެއް ގާއިމްކޮށްދިނުމާއި ބްރޯޑްކާސްޓުކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތްމައްޗަށް ދޫކޮށްނުލުމަށް ގޮވާލައްވާފައެވެ. އަދި ރީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ އުސޫލާއި ހިލާފު ގަވާއިދެއް ކަމަށާއި ވޯލްޑްކަޕްގެ މުބާރާތް ޕީއެސްއެމްއިން ދެއްކުމަށް މީޑިއާނެޓަށް ގިނަ އަދަދަކަށް ފައިސާދީފައިވާ ކަމަށް މައުލޫމާތު ލިބުމާއިއެކު އެ މުބާރާތް ދައުލަތުގެ ޓީވީ މެދުވެރިކޮށް ބެލޭނެކަށް ކަށަވަރު ކުރަން ބޭނުންވާ ކަމަށް ވެސް ވަނީ ސިޔާމް ގޮވާލައްވާފައެވެ.
މީގެއިތުރުން ރިސޯޓު ފަދަ ތަންތަނުގައި ވެސް މީޑިއާނެޓަށް ނޫން ކުންފުންޏަކަށް އެ ހިދުމަތް ނުދެވޭ ގޮތަށް ނިންމާފައިވާ ނިންމުމަކީ ވަކި ބަޔަކަށް ނާޖާއީޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރައްވާފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ކޮންޓްރޯލްކޮށް އެ މެންބަރުންނަށް ފޯރުވާ ނުފޫޒުތައް ދެނެގަތުމަށާއި އެ މެންބަރުން ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ޕާލިމެންޓަރީ އިންކުއަރީއެއް ހެދުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.
މި ގަރާރު ހުށަހަޅާފައިވާއިރު މީގެ ކުރިން ޝިޔާމް ވަނީ ވޯލްޑް ކަޕް މުބާރާތުގެ ހުރިހާ މެޗެއް އައިސް ޓީވީ އާއި ރާއްޖެ ޓީވީން ދެއްކުމަށް މީޑިއާ ނެޓާއެކު އެއްބަސްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވޯލްޑް ކަޕް ދައުލަތުގެ ޓީވީން ނުދެއްކެންވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.