މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީއަށް 214 މައްސަލައެއް ހުށަހެޅިކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުވާ ގޮތުގައި 36 މައްސަލަ، އެކި ސަބަބުތަކާހެދި ބަލައި ނުގަތުމަށް ނިންމާފައި ވާއިރު 70 މައްސަލައެއް އިތުރު މައުލޫމާތު ސާފުކުރަން ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދި ބަލައިގަތީ 60 މައްސަލައެވެ.

ޖިނާއީ ތަހުގީގު ނިންމައި ދައުވާކޮށްދޭން އިދާރާތަކުން ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ފުލުހުން ވަނީ 202 މައްސަލަ ފޮނުވާފައެވެ. އޭސީސީއިން 10 މައްސަލަ ހުށަހަޅާފައި ވާއިރު ހިއުމަން ރައިޓްސް ކޮމިޝަން މިދިޔަ މަހު ފޮނުވާފައިވަނީ ދެ މައްސަލައެކެވެ.

އެ 214 މައްސަލާގެ ތެރޭގައި މަސްތުވާތަކެތީގެ 89 މައްސަލައަކާއި ވައްކަމުގެ 41 މައްސަލައަކާއި މާރާމާރީ ހިންގުމުގެ 14 މައްސަލައެއް ހިމެނެއެވެ.

އެ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުމުގެ 61 މައްސަލައެއްގައި ދައުވާ ކޮށްފައި ވާއިރު ވައްކަމުގެ 20 އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމާއި އެހެން މީހުންގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ 14 މައްސަލައެއްގެ ދައުވާ ވަނީކޮށްފައެވެ.

އެ މައްސަލަތަކުގެ ތެރެއިން ޑްރަގް ކޯޓުން މައްސަލަތައް ނިންމި ގޮތައް ބަލާއިރު ފުރަތަމަ ހުކުމުގައި 52 ޕަސެންޓު މައްސަލަ އޮތްއިރު ޝަރުތަކާ ނުލާ 34 ޕަސެންޓު މައްސަލަ ހުކުމްކޮށްފައި ވާއިރު 11 ޕަސެންޓު މައްސަލަ ފަރުވާއިން ވަނީ ވަކިކޮށްފައެވެ. މީގެ އިތުރުން 3 ޕަސެންޓު މައްސަލަތައް ވަނީ ފަހު ހުކުމުގައި ޝަރުތަކާއެކު ހުކުމް ކޮށްފައެވެ.