މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދަން މާދަމާ އިދިކޮޅުން އިހުތިޖާޖުކުރަން ނިންމައިފިއެވެ.

މިއަދު އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަރަށް ގިނަ ވައުދުތަކެއް މަސްވެރިންނަށް ވެފައިވާ ކަމަށާއި އެހެންނަމަވެސް މަސްވެރި އާއިލާތައް ނިކަމެތިވަމުންދާ ކަމަށެވެ.

ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވާ މުހައްމަދު ވިދާޅުވީ މި ވެރިކަމަށް ހަތަރު އަހަރު ފުރެންދާއިރު މަސްވެރި އާއިލާތައް ދަނީ ނިކަމެތިވަމުން ކަމަށެވެ.

އެހެންކަމުން މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މާދަމާ ހަވީރު 4 ޖަހާއިރު މަސް މާރުކޭޓު ސަރަހައްދަށް އެއްވުމަށް ނިންމާފައިވާއިރު އެ ޕާޓީއިން ވަނީ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.

މުހައްމަދު ވިދާޅުވީ ހިމޭނުން މަޑުން ތިބެގެން ވާކަށް ނެތް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.