ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއިރު ބަހްރައިންގެ ޝާހީ ގަނޑުވަރު، ގުސައިބިއްޔާއިން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ބަހްރައިންގެ ރަސްގެފާނު، ހަމަދު ބިން އީސާ އަލް ހަލީފާއެވެ.

ރައީސް އޮފީހުން ބުނީ ބަހްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ރައީސް ކުރައްވާފައިވާއިރު އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް އާއި ބަހްރައިންގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި ރާއްޖެ އާއި ބަހްރައިންގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރައްވާފައިވާއިރު ދެ ގައުމުގެ ދެމެދުގައި 4 އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އެ ގައުމުގެ ވަލީއަހްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑާ އަދި ބޮޑު ވަޒީރާ ބައްދަލުކުރައްވާފައިވާއިރު އޭގެ އިތުރުންވެސް ބަހްރައިންގެ މަތީ ފަންތީގެ ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ.