ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ އިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަގްސަދުގައި ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ހަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ.
ރައީސްގެ ހިތާބުގައި ވަނީ، ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި އަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހްނިޔާގެ ހިތާބުގައި އިތުރަށް ވިދާޅުވީ، މި އުންމަތުގެ މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަ ކުރާ އިރު، މާތް ﷲ ހަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމުގެ އަޒުމް އާ ކުރަންޖެހޭ ކަމަށެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެ ވެސް ރަބީުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ.